އާއްމު ފަރާތްތަކަށް ހުއިފިލަނޑާ ދިރުވާ އަލާކުރުމާއި ގުޅޭ ތަމްރީނު ދިނުމަށްޓަކައި އެދާއިރާގެ ތަޖުރިބާކާރު ކުންފުންޏަކާއި އެކު ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ވެލާނާ ބިލްޑިންގ އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އައިމިނަތު ޝާފިޔާ އަދި ބަރަކަތުލް ބަހުރު ކުންފުންނީގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު އިބްރާހިމެވެ.
2.4 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ހުއިފިލަނޑާ ގެންގުޅެ ބޮޑެތިކުރުމުގެ މި މަޝްރޫއު ފުރަތަމަ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅު އިސްދޫ ކަލައިދޫ އަދި ދަނބިދޫގައި ކަމަށާއި ކޮންމެ ރަށަކުން ދިހަ މީހުންނަށް ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި 30 މީހުންނަށް ތަމްރީން ދެވިގެންދާނެ ކަމަށާއި އަމާޒަކީ މި ޕްރޮޖެކްޓްގެ ތެރެއިން 100 މީހުންނަށް ތަމްރީންދިނުން ކަމަށް ޝައިނީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ބަރަކަތުލް ބަހުރު ކުންފުންނީގެ ވެރިޔާ އަޙުމަދު މުޙައްމަދު ވިދާޅުވީ އެ ކުންފުނިން ހުއިފިލަނޑާ އާލާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި، މި ފެށި މަޝްރޫއު ކާމިޔާބު ވާނެ ކަމަށާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ. އަދި މި މަޝްރޫއުގެ ކޮންމެ ބައިވެރިއަކަށްވެސް ހުއިފިލަނޑާ ގެންގުޅެ ބޮޑުކޮށްގެން ކޮންމެ މަހަކުވެސް މަދުވެގެން 10000 ރުފިޔާ އަށް ވުރެއް މަތީގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.
ދެއަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ ފަރާތުން ކުދި ހުއިފިލަނޑަޔާއި، ހުއިފިލަނޑާގެ ކާނާއާއި، ހުއިފިލަނޑާ ކޮށި ހަދާ ސާމާނާއި، ހުއިފިލަނޑާ ބޮޑެތިކުރުމުގެ ތަމްރީނު 'މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' މެދުވެރިކޮށް އާއްމު ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ހުއިފިލަނޑާ ބޮޑެތިކުރުމަށް ޝައިގުވެރިވާ ފަރާތްތަކަށް " މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް " ގެ ދަށުން ލުއިލޯނު ދިނުމަށް ވަނީ ހަމަޖެެހިފައެވެ. މި ފަރާތްތަކުން ލޯނު ބޭނުންކުރާނީ ކުދި ހުއިފިލަނޑާ ގަތުމަށާއި، ކޮށިހެދުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.