ރާއްޖޭގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމަށް އެ ސިނާޢަތް ރާއްޖޭގެ އެއް ވަނަ ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި ގުޅުވާލަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅުވާ މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެން އޮތް ބިން ނިސްބަތުން ކުޑަ ޤައުމެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ނުހަނު ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށްވެފައި، އެންމެ ފުޅާ ދާއިރާއެއްގައި އެދާއިރާ ކުރިއަރާފައިވުމާއެކު އެސިނާޢަތާއި ދަނޑުވެރިކަން ގުޅުވާލުމަކީ ދަނޑުވެރިކަންވެސް ކުރިއަރާނެކަންވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ބިންކޮޅު މަދު ޤައުމަކަށްވުމުން ރާއްޖެއަށް ބޭނުންވަނީ ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ކާބޯތަކެތި އުފެއްދޭނެ މަގެއްކަންވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމާއެކު ކުދި ބިންތަކުގައި މަތީ އަގުލިބޭ ފަދަ އުފެއްދުންތައް ހެއްދުމަށް މިނިސްޓަރވަނީ ބާރުއަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ދިވެހި އެންމެހާ ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ސިނާއަތުގެ އެންމެހާ ބައިވެރިންނަށް އަރިސްކުރަމެވެ. ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެންއޮތް ބިން ނިސްބަތުން ކުޑަ، ފަތުރުވެރިކަމަށް ނުހަނު ބޮޑަށް ބަރޯސާވާ… pic.twitter.com/GofY9UIfT8
— Hussain R. Hassan (@DrHussainHassan) October 15, 2023
ރާއްޖޭގައި މިހާރުވެސް ބައެއް ރަށްތައް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ އެތައް ރަށެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދާ، އެބާވަތްތައް ޓޫރިސްޓް ރިސޯޓުތަކަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ދަނޑުވެރިކަމުގެ ދާއިރާ ފުޅާކޮށް ދަނޑުވެރިންނަށް އެހީވުމަށްޓަކައި ސަރުކާރުންވަނީ ދަނޑުވެރިން އުފައްދާ ބާވަތްތައް ގަތުމަށްޓަކައި، އެގްރޯނެޓްގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އަދި ދަނޑުވެރިންނަށް ފަސޭހައިން ދަނޑުވެރިކަމާއި ގުޅޭ މަޢުލޫމާތު ލިބޭނެހެން ވެބްސައިޓެއްވެސް ފިޝަރީޒް މިނިސްޓްރީންވަނީ ތަޢާރަފްކޮށްފައެވެ. މީގެ ސަބަބުން މީގެކުރިން ދަނޑުވެރިން ތަމްރީންކުރުމަށް ކުރަމުން އައި ހޭދަވަނީ ކުޑަވެފައިކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.
ދިވެހި ރުއްތަކަށް ބައްޔެއްޖެހި އެބަލިން ރުއްތައް ސަލާމަތްކުރުމަށްވެސް އެމިނިސްޓްރީންވަނީ މަސައްކަތްތަކެއް ފައްޓަވާފައެވެ. ހަމައެއާއެކު ރުކުގެ އައު ޖީލެއް އުފެއްދުމަށް މުޅި ރާއްޖޭގައި ރުއް އިންދުމުގެ މަޝްރޫޢެއްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހެވެ.