ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުމަށް، ކުނިމެނޭޖުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހުގެ ބަހުސް ނިންމާ، ދިރާސާކުރެއްވުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ. މި އިޞްލާހު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ވޯޓުންނެވެ.
ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުމަށް، ކުނިމެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ލާޒިމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ. މިއާއެކު ކޮތަޅުން ޓެކްސް ނަގަން ފެށީމިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮތަޅުން ނަގާ 2ރުފިޔާގެ ޓެކްސް ކުޑަކުރުމަށް ހުށައެޅުއްވި އިޞްލާހާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގު އިންތިހާއަށް މަތިވެގެންދިޔަ ދުވަސް ވަރެއްގައި ކަމަށެވެ. ސަލީމް ވަނީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމަށްވެސް އިޞްލާހުގައި ހިމަނުއްވާފައެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ސަލީމް ވިދާޅުވީ، ޓެކްސް ނެގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަހަރުން އަހަރަށްވެސް ބަދަލު ގެނެވޭ ކަމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްކަމަށެވެ. ސަރުކާރުން ނިންމަވާފައިވަނީ، ކުނި އުކާލުމަށާއި، އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ތިމާވެއްޓާއި ރައްޓެހި ކޮތަޅު ފޯރުކޮށްދިނުމަށެވެ.