ގދ. ފަރެސް މާތޮޑާގައި އަމަން ނަގާލައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް އަޑުގަދަކޮށް ނުކިޔަމަންތެރިވި 6 މީހަކު އެރަށުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 21 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ހުރިހާ މީހުންނަކީވެސް ދިވެހިންނެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 01:00 ހާއިރު ރަށުގެ އެހެން ބަޔަކާ މާރާމާރީ ހިންގުމަށް މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބުމުން، ފުލުހުން އެމީހުންތިބި ސަރަހައްދަށް ގޮސް ނަސޭހަތްތެރިވެ އެކަން ހުއްޓުވުމުން، ރަށުތެރޭގައާއި ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އައިސް އަޑުގަދަކޮށް ޕޮލިސް ސްޓޭޝަނަށް ގައުފަދަ ތަކެތި އުކައި ހެދުމާއި ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކުރި 5 މީހުންނާއި ކުއްޖާގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ޓެސްޓް ތަކުން އެނގިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ 14 ދުވަސް އަދި އަނެއް 5 މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް 13 ދުވަސް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށްގެންދަން ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ބަންދުގެ މުއްދަތު ދީފައެވެ.
މީގެ އިތުރުން މި މައްސަލާގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެދަށުން ފަރެސްމާތޮޑާއިން މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.
މި މައްސަލަ ފަރެސްމާތޮޑާ ޕޮލިސް ސްޓެޝަނާއި ތިނަދޫ ޕޮލިސްސްޓޭޝަން ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.