ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވިލާތުން އިތުރު މަސައްކަތް ކުރަންޖެހޭކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސީއެން.އެން އަށް ދެއްވި ބަސްދީގަތުމެއްގައި ކާޓަރ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ވިލާތުން އެމެރިކާއާއި ބައިވެރިވާންޖެހޭކަން ބްރަސްލްސްގެ ޙަމަލާތަކުން އެނގިގެން ހިނގައްޖެކަމަށެވެ. ވިލާތަށް ރައްކާތެރިކަން އޮތީ ޓެރަރިޒަމް ބަލިކޮށްގެން ކަމަށާ އެހެންކަމުން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ވިލާތުން އެމެރިކާއާ ބައިވެރިވެ އެކަމުގައި އެމެރިކާއަށް ދޭ އެއްބާރުލުން އިތުރުކުރުމަށް ކާޓަރ ވިލާތަށް ގޮވާލެއްވިއެވެ.
މިހަފްތާގެ ކުރީކޮޅު ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ތިރީސް ހަތަރު މީހުން މަރުވެ ދުއިސައްތައެއްހާ މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.