ކުރިއަރ އަދި އެއަރކާގޯ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 8.8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ޝިޕްމަންޓެއް އަތުލައިގެންފައިވާކަމަށެވެ.
މީގެ ތެރެއިން ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 2250 ގްރާމް ހުރި ކަސްޓަމްސް އިން މައުލޫމާތުދެއްވައެވެ.
ދެވަނަ ޝިޕްމަންޓް އަތުލައިގެންފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގެ ތެރެއިންނެވެ. އެގޮތުން މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި މި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ 5 ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައިހުރިކަން ފާހަގަކުރެވުނުކަމަށް ކަސްޓަމަސްއިން ވިދާޅުވިއެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 3040 ގްރާމް ހުރިއިރު މިތަކެތީގެ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ކަސްޓަސް އިން މައުލޫމާތު ދެއްވައެވެ.
މަސްތުވާތަކެތި ހިމެނޭ 3 ވަނަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ، މިމަހުގެ 7 ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގެ ތެރެއިންނެވެ.
މި ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވެއެވެ. ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 3550 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.
މި މައްސަލަތައް އިތުރަށް ތަޙްޤީޤުކުރުމަށްޓަކާ އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން މިހާރު ވަނީ ފުލުހުންނާއި ޙަވާލުކޮށްފައެވެ.