ޚަބަރު

ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރައްވަނީ


ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމް ކުރެއްވުމުގެ މަސައްކައް ކުރައްވަމުންގެންދަވާ ކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވި ދަރުވަރުންނަށް ސަނަދު ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ޤައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުން އެއްހާސް ހަތަރު ސަތޭކައަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅީގައި ދަސްވެނިވިކަމުގެ ސަނަދު ހަވާލުކޮށްދެއްވީ ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލްކުރި ދަރިވަރުންނަށެވެ. މިގޮތުން އެކި އެކި ޑިގްރީ ކޯސްތަކުން ހަސަތޭކަ އަށް ދަރިވަރުންވަނީ ދަސްވެނިވެ ސަނަދު ހާސިލްކޮށްފައެވެ.

މީގެ އިތުރުން އެކި ކޯސްތަކުން އެއް ވަނަ ހާސިލުކުރި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ކޯސްތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އިރުތިޝާމް އާދަމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ސިއްހީ ދާއިރާ އިން އެތައް ދަރިވަރަކު ޔުނިވާސިޓީން ތައުލީމް ހާސިލް ކުރަމުންދާ ކަމަށާއި އެކަން އިތުރަށް ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ސްކޮލޮޝިޕްގެ ފުރަސަތު ހުޅުވާލުމުގެ އިތުރުން އަވައްޓެރި ގައުމުތަކުން ސިއްހީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔުނިވާސިޓީގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގައި ދަސްވެނިވިފައި ވަނީ ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ ކޯސްތަކުގެ ދަރިވަރުންނެވެ. މީގެތެރެއިން ހަސަތޭކަ އަށް ވުރެ ދަރިވަރުންނަކީ ޓީޗަރުންނެވެ.