ޚަބަރު

ދުނިޔޭގެ ބޮޑު ދެބާރުގެ ދެމެދުގައި ރާއްޖެ ތާށިވިޔަކަ ނުދޭނަން: ޑރ. މުޢިއްޒު


  • ޗައިނާ އަދި އިންޑިއާގެ ބޯޑަރު މައްސަލައާއި ބާރުވެރިކަމަށް ކުރާ މަސައްކަތުގައި ރާއްޖެ ތާށި ވިޔަކަ ނުދޭނަން

  • ރާއްޖެއަކީ އެފަދަ ގޮތަކަށް ތާށިކުރަންޖެހޭ ވަރަށްވުރެ ކުޑަ ޤައުމެއް

  • ޑރ.މުޢިއްޒުގެ ވެރިކަމުގައި ވަކި ޤައުމަކާއި ގާތްނުވާނެ، އޮންނާނީ ޕްރޯ މޯލްޑިވްސް ސިޔާސަތު

ދުނިޔޭގެ ބޮޑު ދެ ބާރުގެ ދޭތެރޭގައި ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކުން ތާށިނުވާނެކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއާއި އިންޑިއާގެ ސަރަޙައްދީ ކޯޅުންގަނޑަށް ޢިޝާރާތްކުރައްވާ ޑރ. މުޢިއްޒު ވިދާޅުވ، އެ ދެޤައުމުގެ ކޯޅުންގަނޑުގެ ތެރޭގައި ރާއްޖެ ތާށިވުމުގެ ޖާގަ ނުދެއްވާނެކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ޕްރޯ މޯލްޑިވްސް ސިޔާސަތުގެ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި އެއްވެސް ޤައުމަކާއި މާބޮޑަށް ގުޅުން ބަދަހިކޮށް އޭގެ ސަބަބުން ކުރިމަތިވާ އެހެނިހެން ފިއްތުންތަކަށް ރާއްޖޭގައި ޖާގަނުދެއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޗާއިނާއާއި އިންޑިއާއަކީ ގިނަ ކަންތައްތަކެއްގައި ވާދަވެރި އަދި ގިނަ ހަމަނުޖެހުންތަކެއް ބޯޑަރުގެ މައްސަލައިގައި އޮތް ދެ ޤައުމަށްވާއިރު، ކުރީގެ ސަރުކާރުތަކުން ވަކި ޤައުމަކާއި ގާތްކަން ބޭއްވިގޮތަށް އެކަން ނުކުރައްވާނެކަން ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި އޮތް މި ދެޤައުމު ކޯޅުންގަނޑުގެ ދެމެދަށް ވަދެ އެކަމުގައި ރާއްޖެ ތާށިވިޔުމުގެ ޖާގައެއް ނުދެއްވާނެކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއަކީ ދުނިޔޭގެ ގަދަ ދެ ބާރެއްގެ ދެމެދުގައި، ބާރުވެރިކަމަށްކުރާ މަސައްކަތުގައި ތާށިވާވަރަށްވުރެ ކުޑަ ޤައުމެއް. އެކަމުގައި އެ ދޭތެރެއަށް ވަދެ ރާއްޖެ ތާށިވެގެން ނުދާނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުންވެސް އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވަނީ ތަކުރާރުކުރައްވާފައެވެ.

އިންތިޚާބު ކާމިޔާބު ކުރައްވާ އިންޑިއާގެ ސަފީރާއެކު އެންމެ ފުރަތަމަ ބޭއްވެވި ބައްދަލުކުރެއްވުމަށް އިޝާރަތްކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ، އެދުވަހުވެސް ދިވެހިންގެ ނިންމުން އިންޑިއާ ސަރުކާރާއި އެމަނިކުފާނު ހިއްސާކުރެއްވިކަމަށެވެ. އެގޮތުން ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ އެއްވެސް މީހަކު ޙަރަކާތްތެރިވުމުގެ ފުރުޞަތު ނެތްކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލަންޖެހޭނެކަން ވަނީ ހާމަކުރައްވާފައެވެ.

އިންތިޚާބު ކާމިޔާބުކުރެއްވިފަހުން ޑރ. މުޢިއްޒު ވަނީ ރާއްޖޭއިން ބޭރުގެ ބޮޑެތި މީޑިއާތަކަށް ޚާއްސަ ބަސްދީގަތުންތަކެއް ދެއްވާފައެވެ. މިގޮތުން މީގެކުރިން ވަނީ އަލްޖަޒީރާއާއި ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީއަށްވެސް އިންޓަރވިއު ދެއްވާފައެވެ.