ވިޔަފާރި

ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 4 ބިލިއަން އިތުރު


  • މިއަހަރުގެ މިހާތަނަށް 26.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު

  • މިދިޔަ އަހަރު ލިބުނީ 22.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • މިއަހަރުގެ މިހާތަނަށް ޚަރަދުތައް އުޅެނީ 35 ބިލިއަނުގައި

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުގެ އާމްދަނީއާއި ޚަރަދުތައް ހިމެނޭގޮތުން ފިނޭންސް މިނިސްޓްރީން އަންނަނީ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ނެރެމުންނެވެ. މިރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އޮކްޓޯބަރ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 26.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 22.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 4.1 ބިލިއަނުގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކާގޮތުން އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ 19.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.6 ބިލިއަން ރުފިޔާއެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 6.7 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރ 12 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 488 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރުގެ މިމުއްދަތުގައި މިއަދަދު އުޅުނީ 742 މިލިއަންގައި ކަމަށް ރިޕޯޓުން ދައްކައެވެ.

އާމްދަނީ އިތުރު ވިއިރު ޚަރަދުތައްވެސް މިމުއްދަތުގައި އިތުރުވެފައިވާ ކަމަށް ވީކްލީ ފިޒްކަލް ރިޕޯޓުން ދައްކައެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުތައް އުޅެނީ 35 ބިލިއަނުގައެވެ. މިދިޔަ އަހަރު ޚަރަދު އުޅުނީ 29 ބިލިއަނުގައެވެ. މިއަހަރު މުސާރާއާއި އެހެނިހެން ކަންކަމަށް މިއަހަރު 24 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 11 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.