ހެދިފައިވާ ގަވާއިދާ ޚިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް ލިޔެކިޔުމެއް ނައްތާލުމުގެ މައުލޫމާތެއް ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީއިން ވިދާޅުވެއްޖެއެވެ.
ޕީސީބީން މިހެން ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެކުންފުނިތަކުގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުން، އެކުންފުނިތަކުގެ ބައެއް ރަސްމީ ލިޔުންތަކެއް ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ތުޙުމަތުކޮށް، އެންޓިކޮރަޕްޝަން ކޮމިޝަނަށް އެކި ފަރާތްތަކުން މައްސަލަ ހުށަހަޅަމުންދާތީ، އެފަދަ ޢަމަލުތަކަށް ސަމާލުވެ އެކަންކަން ވިޔަނުދިނުމަށާއި، ހުއްޓުވުމަށްޓަކާ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަޅައިދިނުމަށް އެ ކޮމިޝަނުން ޕީ.ސީ.ބީގައި އެދިފައިވާތީ، އެކަމާގުޅިގެން ނެރުނު ޚާއްސަ ސަރކިއުލާރއެއްގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މައުލޫމާތު ނައްތާލުމާއި ބެހޭގޮތުން ޢަމަލުކުރަންވީގޮތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލަން ބޭނުނަވެއްޖެނަމަ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަން ޖެހެއެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައިވާގޮތުގެ މަތިންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މި ޤާނޫނުގެ ދަށުން ގަވައިދާ ޚިލާފަށް އެކުންފުންޏެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލުމުގެ އެއްވެސް އަމަލެއް ނުހިންގުމަށް ޕީ.ސީ.ބީއިން ވަނީ އަންގަވާފައެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެކަން ކުންފުންޏަށް ފެންނަނަމަ ޤަވައިދުގައި ބަޔާންކޮށްފައިވާގޮތަށް ޢަމަލުކުރުމަށްވެސް އެ ބޯޑުން ސަރުކާރު ކުންފުނިތަކަށް ވަނީ އަންގަވާފައެވެ. ޕީ.ސީ.ބީއިން ވަނީ މިކަން މިގޮތަށް ހިނގާކަން ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖްމަންޓުން ކަށަވަކުރެއްވުމަށްވެސް ދަންނަވާފައެވެ.
ޕީ.ސީ.ބީއިން ވިދާޅުވީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މަޢުލޫމާތު ނުވަތަ ނައްތާލިކަމުގެ މަޢުލޫމާތެއް ލިބިއްޖެނަމަ، އެފަދަ ފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެކަމަށެވެ.