ޚަބަރު

ހަރު މުދަލާއި ފައިސާގެ މުއާމަލާތްތައް ޤާނޫނީ އިންތަކުގެ ތެރެއިން ކުރުމަށް އެދިއްޖެ


  • އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ކަންކަން ޤާނޫނީ އިމުން ހިންގުމަށް

  • އަވަސްއަރުވާލައިގެން ކަންކަން ނުނިންމުމަށް އެދުނު

އިންތިޤާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ޤާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށްގެންދިއުމަށް އިންތިހާބީ ރައީސްގެ އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުޙަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާއެއްކަމަށެވެ. އެގޮތުން މި މަރުޙަލާގެ ރޫޙަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުންކަމުގައި އިންތިހާބީ ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އަދި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ޤާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުން މުހިންމު ކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ވިދާޅުވީ ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުޙަލާގައި ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެއްކަމަށެވެ. އަދި، އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ޤާނޫނާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވިއެވެ.

މި މަރުޙަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ޤާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުޢާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންވެސް ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށްވެސް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.

މި ފަދަ މުޢާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިޤާލީ މި މަރުޙަލާގެ ރޫޙަށް އިޙުތިރާމުކޮށް، ކަމޭހިތުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.