ޚަބަރު

ހުއްޓާލަން އަންގަނީ އިއާދަނުކުރެވޭރުގެ ގެއްލުމެއް ލިބިދާނެ ކަންކަން: އޭސީސީ


  • އޭސީސީން ދަނީ ބައެއް ކަންކަން މަޑުޖައްށާލުމަށް އަންގަމުން

  • އެއީ ވަގުތީ އެންގުންތަކެއްކަމަށް އޭސީސީން ބުނޭ

  • އަސާސީ އަދި އިދާރީ ކަންކަން ހުއްޓާލުމަށް ނާގާކަމަށް

ވެރިކަން ބަދަލުވުމުގެ މިމަރުހަލާގައި ހުއްޓާލުމަށް އަންގާފައިވަނީ އެކަން ކުރިއަށް ގެންގޮސްފިނަމަ ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުން ބޮޑުވެދާނެ ކަންކަމަކަށް ވާތީކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަޙުޤީހުތައް ކުރިއަށްގެންދާތީކަމަށެވެ. އަދި އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީއިން ވިދާޅުވީ މިގޮތަށް އަންގާ އެންގުމަކީ، ވަގުތީގޮތުން އަންގާ އެންގުންތަކެއްކަމަށާއި އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލެއް އެ ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އެކަން އަންގަމުންގެންދާނެކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައި ނުވާނެކަމަށެވެ. އަދި އެކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަޙުޤީގުތައް ވީހާވެސް އަވަހަށް ނިންމުމަށް، ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންގެންދާކަން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ އޭސީސީން މިފަހުން ދަނީ އެންގުންތަކެއް އަންގަމުންނެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އޭސީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.