ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުން މެލޭޝިޔާއަށް ވަޑައިގަތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މެލޭޝިޔާގެ ކުއަލަލަންޕޫރު އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ، މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރާއި ސަރުކާރުގެ އިސްބައެއް ވެރިންގެ އިތުރުން ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްފައި ހުނަނަވާ ސަފީރު މުޙައްމަދު ފަހުމީ ހަސަންއެވެ.
ރައީސް ޔާމީންގެ ޝަރަފްގައި މެލޭޝިޔާގެ ސިފައިން ކުއަލަލަންޕޫރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ގާޑް އޮފް އޮނާއެއްވެސް ވަނީ އަރުވާފައެވެ. ރާއީސް އަބްދުﷲ ޔާމީން މިއަދު ވަނީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅުގެ ގައި މާދަމާ އޮންނާނީ މެލޭޝިޔާގެ ބޮޑުވަޒިރު ނަޖީބު ރަޒާގް އާއި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ރަސްމީ ބައްދަލުކުރެއްވުމެވެ. މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަޝްވަރާތަކަށްފަހު ދެބޭފުޅުންވެސް ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވާނެއެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަންބަލުން މެލޭޝިޔާގެ ޚާއްސަ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.