ޚަބަރު

މިއަހަރަށްވުރެ %14 އިތުރުކޮށް ތަޢުލީމީ ދާއިރާއަށް 5.2 ބިލިއަން ރުފިޔާ


  • ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށްދާނެ

  • ދަރިވަރުންގެ ލޯން ސްކީމަށް ކުރާ ޚަރަދުވަނީ ބޮޑުކޮށްފައި

  • އުމްރާނީ މަޝްރޫއުތަކަށް ކުރާ ޚަރަދު އިތުރުކޮށްފައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 5.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ މި ހިނގަމުންދާ 2023 ވަނަ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ.

ތަޢުލީމީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުގައި އިސްކަމެއް ދޭ އެއް ދާއިރާއެކެވެ. އެގޮތުން އަހަރުން އަހަރަށް މިދާއިރާއަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ވަނީ 5.2 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ. މިއީ ކޮންމެ ދަރިވަރަކަށް 54،056 ރުފިޔާއެވެ.

އޭގެއިތުރުން ތައުލީމީ ދާއިރާގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 4.4ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 824 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ. ހިނގަމުންދާ 2023 ގެ ބަޖެޓާއި އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއިގެ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދު ބޮޑެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ދަރިވަރުންގެ ލޯނު ސްކީމަށް 550 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. ހަމައެއާއެކު ހިލޭ ޑިގްރީ ޕްރޮގްރާމަށް 156 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ މިއަހަރުގެ ބަޖެޓަށްވުރެ 7 އިންސައްތަ ދަށް އަދަދެކެވެ.

ތަޢުލީމީ ދާއިރާއިން ކުރިއަށްގެންދަންޖެހޭ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ބަޖެޓުގައިވަނީ 238 މިލިއަން ރުފިޔާ ހިމަނާފައެވެ. މީގެ ތެރޭގައި ސުކޫލްތަކާއި ޔުނިވަރސިޓީ ޢިމާރާތްތައް ހިމެނެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޓިޗަރުންގެ މުސާރައަށްވެސް ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން ޓީޗަރުންގެ މުސާރައިގެ ޚަރަދުގެ ގޮތުގައި 3270 ބިލިއަން ކަނޑައަޅާފައިވާއިރު މިއީ މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު 12 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މަތީ ތަޢުލީމުގެ ސްކޯލަރޝިޕްތަކަށް 184 މިލިއަން ރުފިޔާ ކަނޑައަޅަފައިވެއެވެ.