ތިމާވެށި

ދިރޭތަކެތީގެ ނަސްލާބެހޭގޮތުން ލިޔެފައިވާ 5 ވަނަ ފޮތް ނެރެފި


ރާއްޖޭގެ ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންވެސް ރާއްޖޭގެ ދިރުންތައް ޙިމާޔަތްކޮށް ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް އެދިވަޑައިގެންފިއެވެ.

މިނިސްޓަރ މިކަމަށް އެދިވަޑައިގަތީ ދިރޭތަކެތީގެ ނަސްލާބެހޭ ފަސްވަނަ ފޮތް ނެރެދެއްވުމަށް ޝީ ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ނިސްބަތުން ހަތްވަނަޔަށް އެންމެ ބޮޑު މުރަކައިގެ ނިޒާމެއް ނުވަތަ ކޮރަލް ރީފް ސިސްޓަމެއް އޮންނަނީ ދިވެހިރާއްޖޭގައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު މުރަކައިގެ ނިޒާމު ހިމެނޭ ދެއަތޮޅު ކަމަށްވާ ހުވަދުއަތޮޅާއި ތިލަދުންމަތިވެސް އޮންނަނީ ރާއްޖޭގައެވެ.

ދިރޭ ތަކެތީގެ ނަސްލާބެހޭ ގޮތުން ނެރުނު 5 ވަނަ ފޮތަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ ''ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ'' ގެ ދަށުން ލާޒިމުކުރާ މަސްއޫލިއްޔަތެއްގެ ދަށުން އެކުލަވާލެއްވި ފޮތެކެވެ. ދިރޭތަކެތީގެ ނަސްލާ ބެހޭގޮތުން ނެރުއްވި ފޮތުގައި ގިނަ މަޢުލޫމާތު ހިމަނުއްވާފައިވެއެވެ. އޭގެތެރޭގައި ދިރޭތެކެތީގެ ނަސްލާ ބެހޭގޮތުން މިހާތަނަށް ކުރައްވާފައިވާ ދިރާސާތަކުގެ މަޢުލޫމާތާއި، އެއްގަމުގެ ދިރުންތަކާއި، ގަސްގަހާގެހި، ކުޅި، ޗަސްބިން، ދޫނި، އެކި ބާވަތުގެ ސޫފާ ސޫފީގެ މަޢުލޫމާތު ހިމެނެއެވެ. އަދި ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތާއި، އިޤްތިޞާދީ ގޮތުން ދިރޭ ތަކެތީގެ ނަސްލުގެ ދައުރާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ދިވިހެންގެ އާދަކާދައާއި ދިރިއުޅުމާ ދެމެހެއްޓެނެވި ތަރައްޤީއާ ގުޅިފައިވާ މިންވަރުގެ މަޢުލޫމާތުވެސް ހިމެނެއެވެ.

މީގެ އިތުރުން ދިރޭތެކެތީގެ ނަސްލުން ލިބޭ ފައިދާއާއި، މިހާރުގެ ޙާލަތާއި، ދިރޭތެކެތީގެ ނަސްލުތަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ދިރޭތެކެތީގެ ނަސްލަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން މި ފޮތުގައި ހިމަނާފައިވެއެވެ. ދިރޭ ތަކެތީގެ ނަސްލާބެހޭ ފޮތް ނެރެދެއްވައި، ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ބަޔޮސްފިއަރ ރިޒާވަކަށް ހެއްދެއްވުމުގެ ގޮތުން އެކަމާ ގުޅުހުން ހުރި ދިރާސާތަށް މިހާރު ފަށްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ، ރާއްޖޭގެ އިކޯ ސިސްޓަމް ބަލަހައްޓައި، ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، 1998 ގެ އަހަރުތަކުގައި ރާއްޖޭގެ ފަރުތަށް ހަލާކުވާން ދިމާވި މައްސަލަ ކަމުގައިވާ ފަރުތަށް ހުދުވުމުގެ މައްސަލަ، މިހާރު ރާއްޖޭގެ ފަރުތަކަށް ދިމާވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރުވެސް ވަރަށް ގިނަ ބާވަތްތަކުގެ ދިރުން ޙިމާޔަތްކުރައްވާފައިވެއެވެ. އޭގެ ތެރޭގައި 103 ވައްތަރުގެ ތަފާތު ދޫނި ހިމެނެއެވެ. އަދި ދިރުންތަކުގެ މުއްސަނދިކަން އޮތް 43  ފަރު ހިމެނެއެވެ. މީގެ އިތުރުން މަޑިއާއި، ކަނހަނބާއި، މިޔަރު ފަދަ މަހުގެ ބާވަތްތައްވެސް ހިމެނެއެވެ.

1992 ވަނަ އަހަރު ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީއަކީ ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުމާއި، އޭގެ ބޭނުން ދެމެހެއްޓެނެވި ގޮތުގައި ކުރުމާއި، ދިރޭތަކެތީގެ ނަސްލާއި ދިރުންތަކުން ލިބޭ ފައިދާ އިންސާފުވެރި، ހަމަހަމަ އުޞޫލެއްގެ ދަށުން ލިބޭ ގޮތް ހެދުމުގެ މަޤްޞަދުގައި އެކަށައެޅުނު މުޢާހަދާއެކެވެ. މިއަދު ނެރުއްވި ދިރޭތެކެތީގެ ނަސްލާބެހޭ ފޮތް މާލެއާއި ރަށްރަށުގެ ސްކޫލްތަކަށާއި ގުޅުހުން ހުރި ވުޒާރަތަކަށް ބެއްސެވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޮތް ލިޔުއްވާފައިވަނީ ޑރ. ސިމާދު ސަޢީދެވެ.