ޚަބަރު

އެޓްމޮސްފިއާ ކޯއިން ރާާއްޖޭގައި ބަޔޯޑީސަލް އުފައްދަން މަސައްކަތް ކުރަނީ


  • މިއީ ރާއްޖޭގެ ރިސޯޓް ކުންފުންޏަކުން ބަޔޯޑީސަލް އުފައްދަން މަސައްކަތް ކުރާ ފުރަތަމަ ފަހަރު

  • އާއްމު ޑީސަލްގެ ބަދަލުގައި ބަޔޯޑީސަލް ބޭނުންކޮށްގެން ކާރބަން ޑައިއޮކްސައިޑްގެ އަސަރު ކުޑަކުރެވޭނެ

ރާއްޖޭގައި ބަޔޯޑީސަލް އުފައްދަން ދިވެހި ހޮޓެލް ގްރޫޕް އެޓްމޮސްފިއާ ކޯއިން ދުބާއީގެ ލޫޓާ ބަޔޯފިއުލްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އާންމު ޑީސަލްގެ ބަދަލުގައި ބަޔޯޑީސަލް ބޭނުންކޮށްގެން ކާރބަންޑައި އޮކްސައިޑްގެ އަސަރު ކުޑަކުރުމެވެ. އަދި މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބަޔޯޑީސަލް އުފެއްދުމަށްޓަކައި، ލަގްޒަރީ ރިސޯޓްތަކާއި ހޮޓަލްތަކާއި ރެސްޓޯރެންޓްތަކާއި ގޭބިސީތަކުން ބޭނުންކޮށްފައިވާ ކައްކާ ތެޔޮ އެއްކޮށް ރީސައިކަލް ކުރުމަށް އެހީތެރިވެދޭނެއެވެ.

އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސް ހާސިލް ކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މިއެއްބަސްވުމުގެ ދަށުން މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ހިންގާ ކުންފުންޏަކުން ބަޔޯޑީސަލް އުފައްދަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ އެކަކުން ދޭކަށް މަދީނަތު ޖުމެއިރާގައި ކުރިއަށްދިޔަ ދުބާއީ ބިޒްނަސް ފޯރަމެއްކަމަށްވާ ދަ ޑީލްސް ހަބްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ލޫތާ ބަޔޯފިއުލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޔޫސުފް ބިން ސައީދު ލޫތާއެވެ. އަދި އެޓްމޮސްފިއާ ކޯގެ ފަރާތުން ސޮއިކުރެއްވީ އިސްމާއީލް ހިލްމީއެވެ.

ލޫޓާ ބަޔޯފިއުލްސްއަކީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ހަކަތަ އުފައްދަން 2010 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ދެމެހެއްޓެނިވި ހަކަތަ އުފައްދަން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެކި ތަންތަނުގައި ބޭނުންކުރާ ކުކިން އޮއިލް އެއްކޮށް، ގްރީން ބަޔޯފިއުލް ނުވަތަ ބަޔޯޑީސަލް އުފެއްދުން ހިމެނެއެވެ.