ޚަބަރު

އިނގިރޭސިވިލާތުގެ ކިއުއޭއޭ އިން ދޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން އެމްއެންޔޫއަށް


  • މިއީ ކިއުއޭއޭ އިން ދޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން އެމްއެންޔޫއަށް ލިބުނު ފުރަތަމަ ފަހަރު

  • މިއާއެކު އެމްއެންޔޫވަނީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ޔުނިވަސިޓީއަށްވެފައި

އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފިއެވެ.

ކިއުއޭއޭ އިން ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަންދެނީ ޔޫރަޕްގެ ހަޔަރ އެޑިއުކޭޝަން ދާއިރާގެ ކޮލިޓީ އެޝުއަރެންސްގެ މިންގަނޑުތަކަށް ބަލައިގެން ހަދާ ރިވިއުއަކަށްފަހުއެވެ. މިރިވިއު ކާމިޔާބުކަމާއެކު ފުރިހަމަވުމުން އެޔުނިވަރސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ބަލއިގަންނަ މުވައްސަސާއަކަށް ވުމުގެ އިތުރުން، ކިއުއޭއޭގެ ފުރިހަމަ މެމްބަރަކަށްވުމުގެ ޝަރުތު ފުރިހަމަވެއެވެ.

ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ހާސިލް ކުރުމާ ގުޅިގެން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފު ވިދާޅުވީ އެމްއެންޔޫއަށް ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ލިބުނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ރިވިއުއަކަށްފަހުގައި ކަމަށެވެ. އަދި އެމްއެންޔޫގެ ރިވިއު މަރުހަލާގައި ޔުނިވަރސިޓީގެ ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ އުސޫލުތަކާއި، މަންހަޖުތައް ފަރުމާކޮށް މުރާޖައާ ކުރުމުގެ އުސޫލުތަކާއި، ޔުނިވަރސިޓީގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ބަލާފައިވާކަމަށެވެ. އަދި މިކަންކަން ހުރީ ރަނގަޅު ފެންވަރެއްގައިކަން އެފަރާތުން ފާހަގަކޮށްފައިވާ ކަމަށް މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

އަދި މިރިވިއުއަށް ޔުނިވަރސިޓީން ހުށައެޅި އިވެލުއޭޝަން ޑޮކިޔުމަންޓަށް ބިނާކޮށް ކިއުއޭއިން އިތުރު މައުލޫމާތު ސާފުކުރުމަށްފަހު، ޔުނިވަރސިޓީގެ ކެމްޕަސްތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނާއި، ދަރިވަރުންނާއި، ޔުނިވަރސިޓީގެ މަސްލަހަތުހުރި ފަރާތްތަކާއި ބައްދަލުކޮށް ތަފާތު މަޢުލޫމާތުތައް ހޯދިކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި މިމައުލޫމާތައް ބިނާކޮށް ކިއުއޭއިން އެކުލަވާލި ރިޕޯޓުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީއަކީ ރިވިއުގައި ބަލާ ކޮލިޓީ އެޝުއަރެންސްގެ ހުރިހާ މިންގަނޑަކަށް ފުރިހަމައަށް ފެތޭ ޔުނިވަސިޓީއެއްކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށް ފަޚުރުވެރި ރެކޮގްނިޝަނެއް ރާއްޖޭގެ ފުރަތަމަ ފަހަރަށް ކޮލިޓީ އެޝުއަރެންސް އެޖެންސީ ގަބޫލުކުރާ މި ވީ އަޅުގަނޑުމެން. އެހެންވީމަ މިތާނގެ ހުރިހާ ހައްގެއް މީގެ ފަޚުރުވެރި މީގެ އެންމެ ފަހުން މީގެ ފައިދާ ވާނީ އަޅުގަނޑުމެންގެ ދަރިވަރުންނަށް" ޝަރީފު ވިދާޅުވިއެވެ.

މިނަތީޖާ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް ލިބުނުކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށާއި، ސަބަބަކީ ޔުނިވަރސިޓީ އުފެދުނީއްސުރެންވެސް އެތަނުން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ދަމަހައްޓައި އެކަންކަމުގައި ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް ސާބިތުކަމާ މަސައްކަތްކުރުމަކީ ޔުނިވަރސިޓީގެ އަމާޒެއްކަމަށް ވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ އެކްރެޑިޓޭޝަންގެ ސަބަބުން ޔުނިވަސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ފަދަ ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭ، އަދި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ޔުނިވަސިޓީގެ ގޮތުގައި ވެގެން ގޮސްފައިވާކަމަށެވެ.