ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ޓެރަރިޒަމާއި ދެކޮޅަށް ތެދުވުމަށް އުފައްދާފައިވާ އިސްލާމިކް މިލިޓަރީ އެލަޔަންސްގައި ބައިވެރިވާ ތިރީސް ހަތަރު ގައުމުގެ ސިފައިންގެ އިސް ވެރިންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ކޮލިޝަންގެ މެމްބަރަކަށް ނުވާ ފަސް ގައުމެއްގެ އަސްކަރީ ވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަޢޫދީ ޢަސްކަރިއްޔާގެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ޢަބްދުއްރަޙުމާން އަލް ބުނަޔާން ވިދާޅުވީ މިކޯލިޝަންގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްވެސް ކަމަށް ވަކި ހައްދެއް ކަޑައެޅިފައި ނުވާނެ ކަމަށާއި ހުރިހާ ގައުމެއް ގުޅިގެން ވާހަކަ ދެކެވިގެން ކުރިއަށްވުރެ ރަނގަޅަށް ކަންތައް ކުރެވޭނެ ކަމަށެވެ. ސަޢޫދީން އިސްނަގައިގެން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހަދާފައިވާ ކޯލިޝަންގެ ފުރަތަމަ ބައްދަލުވުމަށްފަހު އަބްދުއްރަޙްމާން އިތުރަށް ވިދާޅުވީ މިކޯލިޝަންގައި ބައިވެރިވާ ހުރިހާ ގައުމަކުންވެސް އެއްވެސް ޝަރުޠަކާއި ނުލައި އަމިއްލައަށް އިސްނަގައިގެން ޓެރަރިޒަމާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިގައުމުތަކުގެ ޤާނޫނު ތަކާއި ޤަވާޢިދުތައް ހަދާ ޓެރަރިޒަމާ އާއި ދެކޮޅަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އެއްބަސްވެފައިވާ ކަމަށެވެ.
ސަޢޫދީ ޢަސްކަރިއްޔާގެ ސްޕޯކްސް ޕާސަން ބްރިގޭޑިއާ ޖެނެރަލް އަޙްމަދް އަލް ޢަސީރީ ވިދާޅުވީ މި ކޯލިޝަނާ ގިނަ ގައުމުތަކަކުން ގުޅިގެން ދިޔުމުން އަންގައިދެނީ ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގަރާމައިގެ މުހިއްމުކަން ކަމުގައެވެ. އަޙްމަދު ވިދާޅުވީ ކޯލިޝަންގެ ފަރާތުން އެއްވެސް ޤައުމެއްގެ މައްޗަށް އެއްވެސް ކަމަކަށް އަމުރު ނުކުރާނެ ކަމަށާއި ކޯލިޝަނުން ޢަމަލުކުރާނީ މަޝްވަރާކޮށްގެން ކަމަށާ އަދި އެއްވެސް ޤައުމަކަށް އަސްކަރީ ފަރާތްތައް ފޮނުވާނީ އެޤައުމަކުން އެކަމަށް އެދުމުން ކަމަށެވެ.