ޚަބަރު

އިޓަލީވިލާތުން ޣައްޒާއަށް ހޮސްޕިޓަލް ބޯޓެއް ފޮނުވަނީ


ޔަހޫދީ ފައުޖުން އެމެރިކާގެ އެހީތެރިކަމާ އެކު ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ހާސް ބަޔަކަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ޣައްޒާ ކައިރިއަށް ހޮސްޕިޓަލް ބޯޓެއް ފޮނުވަން އިޓަލީވިލާތުން ނިންމައިފިއެވެ. އެ ކަން އިޢުލާނު ކުރައްވާފައި ވަނީ އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ގުއިދޮ ކްރޮޒެއްތޯއެވެ.

އިޓަލީވިލާތުގެ ހޮސްޕިޓަލް ބޯޓެއް ޣައްޒާއަށް ފޮނުވަން ކުރަން ޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށާއި، އެ ޤައުމުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ ޝިވީތަވެއްކިޔާއިން އެ ބޯޓު ފުރުމަށް ތައްޔާރުވެފައިވާ ކަމުގައި ކްރޮޒެއްތޯ ވިދާޅުވިއެވެ. އެ ބޯޓުގައި 170 ފަޅުވެރިން ތިބި އިރު، އޭގެ ތެރޭގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންގެ 30 މީހުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް ހޮސްޕިޓަލް ބޯޓެއް ފޮނުވާނެ ކަން އިޓަލީވިލާތުން އިޢުލާނު ކޮށްފައިވާއިރު، މެދުކެނޑުމެއް ނެތި ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 24,000 އަށްވުރެ މައްޗަށް އަރައެވެ. އެ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދޭން ޣައްޒާގެ ހޮސްޕިޓަލްތައް ވަނީ ނުކުޅެދިފައެވެ. ފުރަބަންދާ ގުޅިގެން ޣައްޒާއިން ބޭސް ފަރުވާގެ ސާމާނު ވަނީ ހުސްވެފައެވެ.

ފުރަބަންދު ހަރުކަށިކޮށް ޣައްޒާއަށް ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. އެއާ އެކު، ޣައްޒާގެ ހޮސްޕިޓަލްތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ގޮތެއް ނެތި، ގިނަ ޢަދަދެއްގެ ހޮސްޕިޓަލެއް ވަނީ ބަންދު ކޮށްފައެވެ. ޣައްޒާގައި 35 ހޮސްޕިޓަލް ހުންނައިރު، އޭގެ ތެރެއިން 16 ހޮސްޕިޓަލް މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި، 70 އެއްހާ ކްލިނިކްގެ ތެރެއިން 50 އަށްވުރެ ގިނަ ކްލިނިކު ވެސް ވަނީ ބަންދު ކޮށްފައެވެ.

ކްރޮޒެއްތޯ ވިދާޅުވީ، ޣައްޒާއަށް ފީލްޑް ހޮސްޕިޓަލެއް ފޮނުވަން ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އަދި، ޣައްޒާ ކައިރީގައި މިހާރު ވެސް އިޓަލީވިލާތުގެ އަސްކަރީ ދެ މަނަވަރު ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ އުޅަނދުތައް ޣައްޒާ ކައިރީގައި ބޭއްވުމަށް ވިސްނާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 10,569 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ މައުސޫމް ކުޑަކުދިން ވެސް ހިމެނެއެވެ. އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ސިފަ ކުރެއްވި ގޮތުގައި، ޣައްޒާއަކީ މިހާރު މައުސޫމް ކުޑަކުދިންގެ ހަށިތައް ވަޅުލާފައިވާ ގަބުރުސްތާނެކެވެ.