ޞިއްޙީ ރަގަނޅު އާދަތައް ހިމެނޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅެން އާދަކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އެގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އޯލް އިންޑިޔާ ރޭޑިޔޯ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މޯދީ ވިދާޅުވީ ކުރިޔަށް އޮތީ ދުނިޔޭގެ ޞިއްޙަތުގެ ދުވަސް ކަމަށާއި ބަލިތަކުން ސަލާމަތްވެވޭފަދަ ސިއްޙީ ދުޅަހެޔޮ ދިރުއުޅުމެއް އުޅެން އިންޑިޔާގެ ކޮންމެ ރައްޔިތަކުވެސް އެދުވަހު ޢަޒުމު ކަނޑައެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. މޯދީގެ ވާހަކާގައި ހަކުރުބަލި އިންޑިޔާގައި ފެތުރެމުންދާ މިންވަރާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެބަލީގެ ނުރައްކާތެރިކަމާ ބެހޭގޮތުން އިންޒާރު ދެއްވާފައިވެއެވެ. ދުނިޔޭގެ ސިއްޙަތު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ ހަތްވަނަ ދުވަހެވެ.
އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ބޮޑެތި މަސައްކަތް ކުރަމުން ގެންދާކަމަށް ޚަބަރުލިބެއެވެ.