މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް، އެއް ޕްލެޓު ފޯމަކުން ލިބޭގޮތް ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް މިހާރު ލިބޭނީ އަލަށް ތަޢާރަފްކުރި "ޓްރާންސްޕޯޓް އޮންލައިން"ގެ ޒަރިއްޔާއިންނެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިންނަމަވެސް، އެ ޚިދުމަތް ލިބެނީ އެ ޚިދުމަތަކަށްބޭނުންވާ ފޯމު ޑައުންލޯޑުކޮށް އެ ފޯމު ފުރުމަށްފަހު، ފޯމު ސްކޭންކޮށް ޕޯޓަލަށް އަޕްލޯޑުކޮށްގެންނެވެ. ފޯމު ފުރަން ޖެހެނީ މެނުއަލްކޮށެވެ. ނަމަވެސް އަލަށް ތަޢާރަފްކުރި ޓްރާންސްޕޯޓް އޮންލައިން ޚިދުމަތާއެކު އޮންލައިންކޮށް ފޯމު ފުރޭނެއެވެ. އެގޮތުން އެއްގަމު އަދި ކަނޑު އުޅަނދު ރަޖިސްޓްރީއާއި ގުޅޭ ހުރިޙާ ޚިދުމަތެއްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތައް ޑިޖިޓަލް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ ދުނިޔޭގެ ކޮންމެ ދިމާލަކުންވެސް ޑިޖިޓަލް ދުނިޔެއަކާ ދިމާލަށް ދާއިރު ޓްރާންސްޕޯޓް މިނިސްޓްރީންވެސް މި ދަނީ އެ މިނިސްޓްރީއިން ދެމުން ގެންދާ ހިދުމަތްތައް ޑިޖިޓަލްކޮށް ރައްޔިތުއްނަށް ލުއިފަސޭހަ ކަމާއެކު ހިދުމަތް ހޯދޭނެ ނިޒާމެއް ގާއިމްކުރަމުންކަމަށެވެ.
"ދުނިޔޭގެ ހުރިހާ ދިމާލެއްގައި މިހާރު ކުރިއަރައިގެން ނުވަތަ ކުރިއަރަމުންދާ ކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑިޖިޓަލް ދުނިޔެއަކާއި ދިމާލަށް ދިޔުން. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުން އެކި އެކި އިދާރާތަކުން ކުރާ އެންމެ ބޮޑު މަސައްކަތަކީ އެއީކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ނަހުލާ ވިދާޅުވިއެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ޞާލިޙް ވިދާޅުވީ ތައާރަފް ކުރެވިގެން ދިޔަ ޓްރާންސްޕޯޓް އޮންލައިން ނިޒާމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ރައްޔިތުއްނާއި ދެމެދު މުއާމަލާތް ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން މި ޚިދުމަތާއެކު ފޯމު ފުރުމަށް ހެޔޮ ބަދަލެއް އައިސްގެން ދާނެކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ޚިދުމަތާއެކު ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން ގެންދާ ހިދުމަތްތައް އަވަސް ވެގެން ދާނެކަމަށެވެ.
"މިހުރިހާ ކަމަކުން މި ކުރެވުން ކަމަކީ ސަރުކާރާއި ރައްޔިތުންނާއި ދެމެދު ބްރިޖެއް އެޅިގެން މިދިޔައީ. މިނިސްޓްރީގެ ކައުންޓަރުތަކަށް ވަޑައިގެން ހިދުމަތް ހޯދުމުގެ ބަދަލުގައި އޮންލައިންކޮށް ހުރިހާ ހިދުމަތެއް މިހާރު ލިބިގެން ދާނެ. ޓްރާންސްޕޯޓް މިނިސްޓްރީއަށް އެއްޗެއް ހުށައަޅަން ވިއަސް ބަލާ އަންނަންވިއަސް ވީހާވެސް މަދުން އަންނަން ޖެހޭގޮތައް މިހާރު މިއޮތީ. ކޮންމެހެން ލާޒިމް ކުރާ ޑޮކިއުމަންޓެއް ފިޔަވާ އަޅުގަނޑުމެން ނާންގާނެ ގެންނަން" އަލީ ޞާލިޙް ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޑިޖިޓަލް ލައިސަންސްގެ ހިދުމަތްވެސް ތައާރަފްކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށްވެފައިވާ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރިީން ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒާއި އެއްގޮތަށް މިނިސްޓްރީގެ ޚިދުމަތްތަކަށްވެސް މުހިންމު ބަދަލުތަކެއްގެނެވި، އެކަމުގެ ފަސޭހަ މިހާރުވެސް ރައްޔިތުންނަށް ލިބިގެންދާކަމަށެވެ.