އިންތިގާލީ މަރުހަލާގައި ފުލުހުންނަށް ދީފައިވާ ޕްރޮމީޝަންތަކަކީ ރިޔާސީ އިންތިޚާބުގެ މާކުރިން ދިނުމަށް ނިންމާފައިވާ ޕްރޮމޯޝަންތަކެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ޕްރޮމޯޝަންތައް ނުދިނުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންފައި ވަނިކޮށް ގިނަ ޢަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާކަން ހާމަވެފައިވަނިކޮށެވެ.
މި ސަރުކާރު ނިމެން 48 ގަޑިއިރަށްވެފައިވަނިކޮށްގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިންކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އިންތިޚާބީ ރައީސަށް މެސެޖަކުން ދަންނަވާފައެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މި ޕްރޮމޯޝަންތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ދޭން ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއްކަމަށެވެ. އެހެންނަމަވެސް ޕްރޮމޯޝަން އޭރު ދީފައިނުވަނީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި، އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ފެންނާތީކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޕްރޮމޯޝަންތަކަކީ ފުލުހުންގެ ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއްކަންވެސް ފުލުހުން ވިދާޅުވިއެވެ. .
އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާއި ހިލާފަށް ފުލުހުންނަށް ޕްރޮމޯޝަން ދިން މައްސަލާގައި އިންތިޚާބީ ރައީސްގެ އޮފީހުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ރިޓަޔަރކުރައްވާ ޕޮލިސް ކޮމިޝަނރ މުޙައްމަދު ޙަމީދު ވިދާޅުވެފައިވަނީ، ފުލުހުންނަށް ޕްރޮމޯޝަން ދިނީ އުސޫލުގެ ތެރެއިންކަމަށެވެ.
ވެރިކަން ބަދަލުވާ މި މަރުހަލާގައި އެއްވެސް ޕްރޮމޯޝަނެއް އަދި ފައިސާ ނުވަތަ އެނޫންވެސްދައުލަތުގެ މުދަލާއި ގުޅޭ މުއާމަލާތްތައް ނުހިންގުމަށް އޭސީސީން ވަނީ އިދާރާތަކަށް އަންގާފައެވެ.އަދި މި ގޮތައް އަންގާފައި ވަނިކޮން އެފަދަ މުއާމަލާތްތައް ހިންގާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.