ޚަބަރު

މީހުންގެ ކުށުގެ ރެކޯޑް ބަލާލެވޭ އެޕްލިކޭޝަނެއް ތައާރަފްކޮށްފި


ފުލުހުންގެ އެކިއެކި ސަރަޙައްދުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތައް އެއް ނެޓްވޯކަކުން ގުޅާލައި، އެކި ކުށްކުށުގައި ހިމެނޭ މީހުންގެ ރެކޯޑް ވަގުތުން ބަލައިލެވޭ އެޕްލިކޭޝަނެއް ފުލުހުން މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

މޮބައިލް ޕޮލިސިންގ އެޕްލިކޭޝަނާއި، ވަޔާލެސް ބެކްހައުލް ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފެވެ. މޮބައިލް ޕޮލިސިން އެޕްލިކޭޝަނަކީ ފްރަންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ވަގުތުން ވަގުތަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، މިހާރު ދިމާވެފައިވާ ބައެއް ކަހަލަ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ޚާއްޞަކުރެވިގެން ފަރުމާކުރެވި ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން މަގުމަތިން ފުލުހުން ހިފަހައްޓާ މީހާގެ ވަނަވަރާއި، ކުށުގެ ރެކޯޑް ވަގުތުން ބަލާލެވޭނެއެވެ. އަދި ކުށްތައް ހިނގާފައިވާ ސަރަޙައްދާއި ވެހިކަލްތަކުގެ ރެކޯޑް ބެލުމާއި، ގެއްލޭ ވެހިކަލްތައް ހޯދުމަށް މިއެޕްލިކޭޝަންގެ ސަބަބުން ފަސޭހަވެގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. 

img:http://s3.psmnews.mv/images/660x400/14592370448040.jpg|މީހުންގެ ރެކޯޑް ވަގުތުން ބަލައިލެވޭ އެޕްލިކޭޝަން ތައާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް މީޑިއާ

މޮބައިލް ޕޮލިސިންގ އެޕްލިކޭޝަން މާލެ ހިމެނޭ ސަރަޙައްދަށް ތަޢާރަފް ކުރެއްވިނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގައި ޤާއިމްކުރައްވާފައިވާ ޕޮލިސް ސްޓޭޝަންތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ވަޔަލެސް ބެކްހައުލް ޕްރޮޖެކްޓަކީ ފުލުހުންގެ މަރުކަޒުތަކުގެ ނެޓްވޯކަށް ބޭނުންކުރާ ލީސްލައިންތަކަށް ކުރައްވަންޖެހޭ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތިން މަސްދުވަހުގެ ތެރޭގައި ވަނީ އެއަރޕޯޓް ޕޮލިސް އާއި ވިލިމާލެ ޕޮލިސްއާއި ހުޅުމާލެ ޕޮލިސްއާއި ތިލަފުށި ޕޮލިސް އާއި ދޫނިދޫގެ އިތުރުން ފޭދޫފިނޮޅު ވަޔަލެސްކޮށް ގުޅާލާފައެވެ. ފުލުހުން ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ކައިރި ތިން އަތޮޅެއްގެ ޕޮލިސް ސްޓޭޝަންތައް ވަޔަލެސްކޮށް ގުޅާލެވޭ ގޮތަށް ނެޓްވޯކް ފަރުމާކުރެވި މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.