ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އެޕާޓީއިން ނިންމައިފިއެވެ.
އެމް.ޑީ.ޕީގެ ޕީޖީ ލީޑަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.
މިއާއެކު ހުސްވެފައިވާ ޕީޖީ ލީޑަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މިއަދުން ފެށިގެން މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 18:00 ގެ ނިޔަލަށް އެމް.ޑީ.ޕީއިން ވަނީ ހުޅުވާލާފައެވެ. އަދި މިކަމަށް ޝަޢުގުވެރިވާ ބޭފުޅުން އެކަމަށް ޚާއްސަކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށް ޕީޖީ ލީޑަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވެވޭނަކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ޢަދަދެއްގެ މެންބަރުން ތަމްޞީލުކުރަމުންދަނީ އެމް.ޑީ.ޕީއިންނެވެ. އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ޖުމްލަ 56 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.