ޚަބަރު

ކަރަންޓު ކެނޑި އަލް-ޝިފާ ހޮސްޕިޓަލުން 24 ބަލިމީހުން ޝަހީދުވެއްޖެ


ޔަހޫދީ ފައުޖުން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގައި ހިންގަމުންދާ އުދުވާނުގެ ދަށުން އެ ތަނުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމާ ގުޅިގެން 24 ބަލިމީހުން ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުގެ ސިފައިން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެގަނެފައި ވަނީ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހޯދުމުގެ ނަމުގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އަލް-ޝިފާ ހޮސްޕިޓަލުން ކަރަންޓުގެ ޚިދުމަތް ކަނޑައިލާފައި އޮންނަތާ 48 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވެފައިވާ ކަމުގައެވެ. އަދި، ކަރަންޓުން ހިންގާ ޞިއްޙީ އާލާތްތައް ހުއްޓި، އެ ތަނުގައި ޞިއްޙީ ފަރުވާ ދެމުންދާ ބަލި މީހުންގެ ތެރެއިން އިތުރު މީހުން ޝަހީދުވަމުންދާ ކަމުގައެވެ.

"ޔަހޫދީ ސިފައިން މި ހޮސްޕިޓަލުން ކަރަންޓުގެ ޚިދުމަތް ކަނޑައިލާފައި ވަނީ މީގެ 48 ވަރަކަށް ގަޑިއިރު ކުރިން. ކަރަންޓު ނެތުމުން ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ކުރާ މުހިންމު ސާމާނު ބޭނުމެއް ނުކުރެވޭ. މިކަމާ ގުޅިގެން ޝަހީދުވެފައިވާ ބަލިމީހުންގެ ޢަދަދު 24 އަށް އަރާ،" ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ސިފައިން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އެ މީހުން ހޮސްޕިޓަލުގެ ތެރޭގައި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ބިރު ދައްކަމުންދާ ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. އެ ތަނުގައި ބަލި މީހުންގެ އިތުރުން ޢާންމުންގެ 7,000 އެއްހާ މީހުން ތާށިވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

އަލް-ޝިފާ ހޮސްޕިޓަލަށް ވަދެގަތެމުގެ ފަސް ދުވަސް ކުރިން ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު އެ ހޮސްޕިޓަލް ވަށައިލާފައެވެ. އަދި، ވައިގެ މަގުންނާއި އަސްކަރީ ޓޭންކު ފަހަރު ބޭނުން ކޮށްގެން ވަރުގަދަ ހަމަލަތަކެއް ދީފައެވެ. އެ ހޮސްޕިޓަލަކީ ޙަމާސް ޖަމާޢަތުގެ އަސްކަރީ މަރުކަޒެއް ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.

ތެޔޮ ހުސްވުމާ ގުޅިގެން ޣައްޒާގައި ހިންގާ 35 ހޮސްޕިޓަލުގެ ތެރެއިން 18 ހޮސްޕިޓަލުން ކަރަންޓު ކެނޑި، އެ ތަންތަނުން ޚިދުމަތް ދިނުން ވަނީ ހުއްޓައިލާފައެވެ. އަދި، ތެޔޮ ނެތުމާ ގުޅިގެން ޣައްޒާގައި އިންސާނީ ޚިދުމަތްތައް ދިނުމަށް ހުރަސް އެޅިފައިވާ ކަމުގައި އ.ދއިން ވަނީ އިންޒާރު ކޮށްފައެވެ. މި ކަމާ ގުޅިގެން، ތެޔޮ ބަރުކޮށްފައިވާ ދެ އުޅަނދު ކޮންމެ ދުވަހަކު ޣައްޒާއަށް ވަނުމުގެ ފުރުޞަތު ދޭނެ ކަމުގައި ޒަޔަނިސްޓު އިސްރާޢީލުން ވަނީ ބުނެފައެވެ.

ޢައްޒާއަށް ތެޔޮ އެތެރެ ކުރަން ޔަހޫދީން ހުއްދަ ދީފައިވީ ނަމަވެސް، އެ ސަހަރަށް ކާބޯތަކެއްޗާއި، ފެނާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރަން އަދިވެސް އޮތީ ހުރަސް އަޅާފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ ކަމުގައިވާ ޔޫ.އެން ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ން ބުނީ، ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ސާފު ބޯފެން ނުލިބޭ ކަމުގައެވެ.

އަދި، ދެކުނު ޣައްޒާގެ ނަރުދަމާ ނިޒާމު ހަލާކުވެ، މަގުތަކަށް ނަގިސް ފެން ފެތުރެމުންދާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. މި ކަމާ ގުޅިގެން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި ޞިއްޙީ އިދާރާތަކުން ބުނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,400 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 30,000 އަށް އަރައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 4,700 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމް ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.