ދުނިޔެ

ފްލައިޓް ހައިޖެކް ކުރި ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ނޫން


މިޞްރުގެ އެއަރލައިނެއްކަމަށްވާ އިޖިޕްޓް އެއަރގެ ފްލައިޓެއް ހައިޖެކްކޮށްގެން ސައިޕްރަސްގެ ލަރސާނާ އެއަރޕޯޓަށް ގެންދިޔަ ޙާދިސާއަކީ ޓެރަރިޒަމްގެ އަމަލެއްނޫންކަމަށާއި މިކަންކުރީ ޢާއިލީ މައްސަލައެއްގައި ހިތްހަމަނުޖެހިގެން އުޅުނު މީހެއްކަމަށް ސަލާމަތީ އޮފިޝަލުންނާއި ހަވާލާދީ ސައިޕްރަސްގެ ސްޓޭޓް މީޑިއާއިން ބުނެފިއެވެ.

އިޖިޕްޓް އެއަރއިން ކުރިން މަޢުލޫމާތު ދިން ގޮތުގައި މަތިންދާ ބޯޓު ހައިޖެކްކުރި ފަރާތުން އެބޯޓުގެ ފަޅުވެރިންނާއި 4 ފަސިންޖަރުން ފިޔަވާ އެހެން ހުރިހާ އެންމެން ވަނީ ދޫކޮށްލާފައެވެ. މިޞްރުގެ އިސްކަންދަރިއްޔާއިން ޤާހިރާއަށް ދަތުރު ކުރަމުންދިޔަ މި މަތިންދާ ބޯޓު ހައިޖެކްކުރުމަށްފަހު އެކަން ކުރިމީހާ ވަނީ އެބޯޓު ސައިޕްރަސް ލަރސާނާ އެއަރޕޯޓަށް ޖެއްސުމަށް ޕައިލެޓުންނަށް މަޖުބޫރުކޮށްފައެވެ.

އެއަރބަސް 320 މަރުކާގެ މިފްލައިޓްގައި ދަތުރުކުރަމުން ދިޔައީ 55 ފަސިންޖަރުންނެވެ.