ޚަބަރު

އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުދޭ ޕްރޮގްރާމެއް ފަށަނީ


  • އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުދެނީ ދީނީ ޢިލްމުގެ ރޮނގަކުން މާސްޓަރސް އޮތްނަމަ

  • ރާއްޖޭއިން ބޭރުން ޕީއެޗްޑީ ޙާސިލްކުުރުމަށް ފޮނުވާ ޕްރޮގްރާމް ވަރަށް އަވަހަށް ޢިއުލާންކުރުމަށްވަނީ ހަމަޖެހިފައި

  • އިމާމުން އިތުރަށް ތަމްރީންކުރުމަށް ބޮޑެތި އިސްލާމީ ޤައުމުތަކަށް ފޮނުވަނީ

މިސްކިތްތަކުގެ އިމާމުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ވަރަށް އަވަހަށް ސަރުކާރުން ޢިއުލާންކުރައްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮތް އިސްލާމީ ވަޙުދަތާއި ދީނީ ލޯބި ރައްޔިތުންގެ ހިތްތަކުގައި އަށަގެންނެވުމަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޚާއްސަ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ދީނީ ޢިލްމު ޙާޞިލްކުރުމުގެ ރޮނގުން މީހުން ބިނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ބޭފުޅެއްނަމަ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި މަޝްރޫޢު ވަރަށް އަވަހަށް ޢިއުލާންކުރައްވާނެކަމަށް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވިއެވެ.


މީގެ އިތުރުން އިމާމުން އިތުރަށް ތަމްރީންކުރުމަށްޓަކައި މިޞްރާއި ސަޢުދީ ޢަރަބިއްޔާއާއި، މެލޭޝިޔާއާއި ބުރުނާއި އަދި އިންޑޮނޭޝިއާފަދަ އިސްލާމީ ބޮޑެތި ޤައުމުތަކަށް ފޮނުވުމަށްވެސް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ތަރުބިއްޔަތު ފުޅާކޮށް ދީނީ ޢިލްމު ފޯރުކޮށްދޭނެ މަރުކަޒުތައް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން ޢަރަބި ޢިލްމުގެ ދާއިރާއިން ތަޢުލީމު ފޯރުކޮށްދިނުމަށް ޚާއްސަ މަރުކަޒުތައް ބިނާކުރުމާއި ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ޤާއިމުކުރުމާއި ޙާފިޛުންނަށް މިހާރު ދައުލަތުންދޭ ޢިނާޔަތް ބޮޑުކުރުމާއި ކީރިތި ޤުރުއާން އުނގަންނައިދޭ ކްލާސްތައް އިތުރުކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.


އިސްލާމީ ޢިލްމު ފުޅާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ޢިލްމު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތިނަދޫ ސިޓީގެ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކެމްޕަހަކަށް ހެއްދެއްވުމަށްވެސް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ.