ކުރީގެ ސަރުކާރުން ބޭރުގެ ބައެއް ޤައުމުތަކާ އެއްކޮށް ހަދާ އަދި މިހާތަނަށް ހާމަކޮށްފައިނުވާ ސިއްރު އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ އިސްތިޤުލާލަށް އުނިކަން ހުރިގޮތައް ހުރި ނުކުތާތައް ހާމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުކުރެއްވުމުގައެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިރުޒުލް ވިދާޅުވީ، މި އެއްބަސްވުންތަކުގެ ތެރެއިން އާންމު ކުރާނީ ޤައުމީ ސިޔާދަތަށް ނުރައްކާވާގޮތައް ހުރި ކަންތައްތައް އެކަނިކަމަށެވެ. އެއްބަސްވުންތަކުގައި އަސްކަރީ ތަމްރީންތައް ހެދުމަށް ވެފައިވާ އެއްބަސްވުންތައް ހުރިނަމަ އެކަންކަން ހާމަނުކުރައްވާނެކަމަށާއި، އެއީ ޤައުމީ މަސްލަހަތައް އެކަމުގެ ސަބަބުން ބުރޫއެއް އަރާފާނެކަމަށް ބައްލަވާފައިކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އެއީ އޭގެޒާތުގައިވެސް ޤައުމީ ސަލާމަތާ ގުޅިގެން ދާނެކަންތައްތައް އެއީ ދެފަރާތުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެކަމަށް ފެނޭ.. މިސާލަކަށް ތަމްރީންތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން ހަދާފައި ހުރި އެއްބަސްވުންތައް ހާމަނުކުރެވޭނެ.. އެއީ ޤައުމީ ސަލާމަތައް ހުރި ނުރައްކަލަށް ވެގެން ހިނގާއިދާނެވަރުގެ ކަމެއް." ފިރުޒުލް ވިދާޅުވިއެވެ.
ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއެކު ޖުމްލަ 100 އަށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފާހަގަވެފައިވާކަމުގައިވެސް އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ވިދާޅުވިއެވެ. އަދި މި އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައިވެސް ފިރުޒުލް ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެމްޕޭންގެ ތެރޭގައި ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ހުރި އެފަދަ މާއްދާތައް އުވާލުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެކަމަށެވެ. އެކަން ރައީސްކަމުގެ ހުވާ ކުރައްވި ދުވަހުން ފެށިގެން ކުރިއަށްދާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.