ޚަބަރު

ތުރުކީގެ ދެކުނުގައި އުޅޭ އެމެރިކާގެ އާއިލާތައް ފޮނުވާލަނީ


ތުރުކީވިލާތުގައި ތިބޭ އެމެރިކާގެ ސިފައިންގެ ޢާއިލާތަކާއި، ދިފާޢީ މުވައްޒަފުންގެ ޢާއިލާތައް އެގައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ނުތިބުމަށާއި އެސަރަޙައްދުތައް ދޫކޮށް ދިޔުމަށް އަންގާފައިވަނީ އެތަންތަނުގެ އަމްނާބެހޭ ޙާލަތު ބަލައި ދިރާސާ ކުރުމަށްފަހުގައި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނެފިއެވެ.

ޕެންޓަގަންގެ ތަރްޖަމާން ޖޯން ކަރބީ ވިދާޅުވީ ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި އަމަން އަމާންކަން އޮތް މިންވަރާމެދު އެމެރިކާ ވަރަށް ކަންބޮޑުވާ ކަމަށެވެ.

އަދި ތުރުކީވިލާތުގެ ދެކުނުގައި ތިބޭ އެމެރިކާގެ ސިފައިންގެ ޢާއިލާތަކާ ޕެންޓަގަންގެ މުވައްޒަފުންގެ އާއިލާތައް އެ ސަރަހައްދުތައް ދޫކޮށް ދިޔުމަށް އަންގާފައިވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ޖޯން ކަރބީ ވިދާޅުވިއެވެ. ތުރުކީވިލާތުގައި ތިއްބަވާ އެމެރިކާގެ ސިފައިންގެ އިސް ބައެއް އޮފިސަރުންވަނީ މިކަމާގުޅިގެން ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު އޭޝްޓަން ކާޓަރ ހޯމަދުވަހުވަނީ ތުރުކީވިލާތުގައި ތިބޭ އެމެރިކާގެ ސިފައިންގެ ޢާއިލާތަކާއި ދިފާޢީ މުވައްޒަފުންގެ ޢާއިލާތައް އެޤައުމުގެ ދެކުނުގެ ސަރަހައްދުތައް ދޫކޮށް ދިޔުމަށް އަމުރުކުރައްވާފައެވެ.