ޚަބަރު

"ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭން ޖެހޭނެ"


ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިންސާފު ހޯދައިދޭން ޖެހޭނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ސަޢޫދީ ޚާރިޖީ ވުޒާރާއިން މި ކަމަށް ގޮވައިލާފައި މި ވަނީ، ޢަރަބި ލީގުގެ ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އ.ދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް ދަތުރުފުޅެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދުގެ އިތުރުން އުރުދުނާއި، ފަލަސްޠީނާއި، މިޞްރުގެ ޚާރިޖީ ވަޒީރުން ހިމެނި ވަޑައިގަންނަވައެވެ. އަދި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އިސް ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވައެވެ. މި ވަފުދުގެ ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގަންނަވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްއަށެވެ.

ވަފްދުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ ބޭނުމަކީ، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ހަރުދަނާ، އަދި ނަތީޖާ ނެރެވޭ ފަދަ މަސައްކަތްތަކެއް ކުރުމަށް އ.ދގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް ބާރު އެޅުމެވެ.

"ޔަހޫދީންގެ އިސްތިޢުމާރީ ބާރުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ވަފުދުގެ ބޭފުޅުން މަޝްވަރާ ކުރައްވާ، އެ ކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ. އަދި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކަށް އިންސާފު ގާއިމު ކޮށްދޭން ގޮވައިލާނެ،" ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޔަހޫދީންގެ ގަތުލުއާންމު ހުއްޓުވަން ޢަރަބި ލީގުގެ ޤައުމުތަކާއި އޯ.އައި.ސީގެ މެންބަރުން މަސައްކަތް ފައްޓަވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 13,000 އަށް އަރާފައެވެ. އޭގެ ތެރޭގައި 5,500 އެއްހާ ކުޑަކުދިންނާއި، 3,300 އަށްވުރެ ގިނަ ޢަދަދަކަށް އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,000 އަށް އަރާފައެވެ.