ޚަބަރު

ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލެއް މަޖިލީހަށް


  • ރީ-އެމްޕްލޯއިމަންޓް ޕްލޭސްމެންޓް ޕްރޮގްރާމެއް ހިންގަންޖެހޭކަމަށް

  • އިންޝުއަރެންސް ސްކީމެއްގެ ދަށުން އެލަވަންސެއް ދިނުމަށް ކަނޑައަޅަފައިވޭ

  • ޖޮބް ސާރޗް އެލަވަންސް ދިނުމަށް ފަންޑެއް ގާއިމްކުރުމަށް

ވަޒީފާ ގެއްލޭ ފަރާތްތަކަށް އައު ވަޒީފާއެއް ހޯދުމަށް ހޭދަވާ މުއްދަތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޝިއުރަންސް ސްކީމެއް ތަޢާރަފްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ދީދީ ހުށައަޅުއްވާފައިވާ "ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ބިލު"ގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހަށް އިއްވާފައެވެ. މި ބިލުގައި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ފަންޑެއް އުފައްދައި، ފަންޑު ހިންގުމާއި ފަންޑުން އިންވެސްޓުމެންޓް ދޭނެ ގޮތް ބަޔާންކުރެއެވެ. އެ ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ފެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ،

މި ބިލުގައި ބަޔާންކުރާގޮތުން ވަޒީފާ ނެތް ހާލަތުގައި ދޭ އެހީގެ ގޮތުގައި "ޖޮބް ސާރޗް" އެލަވަންސެއް ދޭން ޖެހެއެވެ. އެގޮތުން "ޖޮބު ސަރޗު" އެލަވެންސް ދޭނީ ވަޒީފާ ގެއްލުނުއިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ %70އެވެ. މިގޮތުން އެންމެ ކުޑަ އަދަދަކަށް 3،000 ރުފިޔާ އަދި އެންމެ ބޮޑު ޢަދަދަކަށް 10،000 ރުފިޔާ ދިނުމަށް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ޕަބްލިކް އަދި ޕްރައިވެޓު ސެކްޓަރ ހިމެނޭހެން، ހުރިހާ މުވައްޒަފުން މިސްކީމްގައި ރަޖިސްޓްރީ ކުރުން ލާޒިމްވާނެއެވެ. އަދި ފަންޑުން އެހީ ލިބޭނީ ދައުލަތުގެ ވަޒީފާއެއްގައި ތިން މަސް ވެފައިވާ އަދި އެހެނިހެން ވަޒީފާތަކުގައި ހަ މަސް ދުވަސް ވެފައިވާ މުވައްޒަފުންނަށްކަމަށާއި، ކޮންމެ މުވައްޒަފަކުވެސް ވަޒީފާއަދާ ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ސްކީމްގައި ރަޖިސްޓަރ ކުރަން ޖެހޭނެކަމަށް ބިލުގައިވެއެވެ.

ބިލްގައި ބަޔާންކުރާ ގޮތުގައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ދެވޭ އެލަވަންސާއި ބެހޭ އިންޝުއަރެންސް ސްކީމަށް ފައިސާ ނުދައްކާ ވަޒީފާ ދޭ ފަރާތްތަކުންގެ މައްޗަށް އަދަބެއްގެ ގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ އަދަދެއްގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.

ބިލުގައި ބުނާގޮތުގައި އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ވަކިކުރާ ފަރާތްތަކާއި، ނާގާބިލްކަމުގެ ސަބަބުން ވަކިކުރާ ފަރާތްތަކުގެ އިތުރުން ރިޓަޔަރވާ ފަރާތްތަކަށް އެ އެލަވެންސް ނުލިބޭނެއެވެ.

މި ބިލު ހުށައެޅުމުގެ މަޤްސަދަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތައް އަލުން ވަޒީފާގެ ބާޒާރަށް ނިކުމެ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި ވަޒީފާގެ ބާޒާރަށް އެފަރާތްތައް އަހުލުވެރިކޮށް ވަޒީފާއަށް ނެރެދިނުމަށް ޕްރޮގްރާމްތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި ވަޒީފާ ގެއްލުމުން އެ ފަރާތްތަކުގެ އާމްދަނީއަށް ކުރާ ނުރަނގަޅު އަސަރު ކުޑަކޮށްދިނުމެވެ.