ޚަބަރު

އަދީބާއި އޭނާގެ 2 ބޮޑީގާޑުންގެ މައްސަލައިގެ އަޑުއެހުން ފަށައިފި


ރިޔާސީ ލޯންކޮޅުގައި ބޮމެއް ގޮއްވާލި މައްސަލަގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އެނާގެ 2 ބޮޑީގާޑުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް މިއަދު ކްރިމިނަލްކޯޓްގައި ފަށައިފިއެވެ.

އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީ ގާރޑުންގެ ގޮތުގައި މަސައްކަތް ކުރި ޙަސަން ރިކާޒާއި އަޙުމަދު އަމީރުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގައި ބުނެފައިވަނީ މި 3 މީހުން ބައިވެރިވެގެން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީ އެއް ހަރުކޮށްފައިވާކަމަށެވެ. އަދި މި އައިއީޑީ ގޮވުމުގެ ސަބަބުން އެ ލޯންޗަށާއި އޭގެއިން ދަތުރުކުރި އެކި ފަރާތްތަކަށް އަނިޔާވެފައިވާކަމަށެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މި ތިން މީހުންނަށްވެސް ވަކީލުން އައްޔަންކުރުމަށް 7 ދުވަހުގެ ފުރުސަތެއް ކޯޓުން ދެއްވާފައިވެއެވެ.

ޝަރީއަތް ނިމެންދެން ނުވަތަ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޙަސަން ރިކާޒާއި އަޙުމަދު އާމިރު ބަންދުގައި ބޭއްތިބުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކުރައްވާފައިވެއެވެ. އަދި މި ދެމީހުން ބަންދުގައި ބައި ތިއްބަން ޖެހޭނީ ރިމާންޑް ޖަލުގައިކަމަށްވެސް ކޯޓްގެ އަމުރުގައިވެއެވެ. ރިޔާސީ ލޯންކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި އަޙުމަދު އަދީބްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައްވެސް މިއަދު ކުރިމިނަލްކޯޓްގައި ފަށާފައިވެއެވެ.

މި ދައުވާގައި ބުނެފައިވަނީ އަޙުމަދު އަދީބްގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފިނިފެންމާ ލޯންޗަށް އަރާ އެ ލޯންޗްގައި އައިއީޑީއެއް ހަރުކޮށްފައިވާކަމަށެވެ. މި މައްސަލައިގައިވެސް ވަކީލަކު އައްޔަންކުރުމަށް އަޙުމަދު އަދީބަށް ކޯޓުން މިއަދު 7 ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ. މި ދެ މައްސަލަވެސް ބައްލަވަނި 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ.