މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވެ، ޢުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ޙުކުމްކުރައްވާފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރަން ދިން މުއްދަތު އިތުރުނުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމަވައިފިއެވެ.
އަޙުމަދު ނާޒިމްގެ ބޭސްފަރުވާއަށް ދެއްވި މުއްދަތު ކަރެކްޝަނަލް ސަރވިސްއިން މީގެ ކުރިން ދެފަހަރެއްގެ މަތިން އިތުރުކޮށްދެއްވާފައިވެއެވެ.
ބޭސްފަރުވާއަށް ސިންގަފޫރަށް ނާޒިމް ފުރާވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަނަރަ ވަނަދުވަހުއެވެ. އެނާ ސިންގަފޫރަށް ވަޑައިގަތީ އޮޕަރޭޝަނެއް ކުރެއްވުމަށެވެ. ސިންގަފޫރުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ދެ އޮޕަރޭޝަނެއް ނާޒިމް ކުރައްވާފައިވާކަމަށް އޭނާގެ ޢާއިލާއިން މީގެކުރުން ބުނެފައިވެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ނާޒިމްގެ ބޭސްފަރުވާގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ފޮނުއްވި ލިޔުންތަކަށް ބެއްލެވުމުން އޭނާ ކުރައްވަން ގެންދެވި ބޭސްފަރުވާގެ ކަންތައްތައް ނިމިފައިވާކަން އެގެން އޮންނަކަމަށެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނަވާ މުއްދަތު އިތުރުކޮށް ނުދެވޭނެކަން ޢާއިލާއަށް އަންގަވާފައިވާ ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. އަދި އަންނަ ހޮނިހިރު ދުވަހުގެ ކުރިން ރާއްޖެ ވަޑައިގެން ކަރެކްޝަނާ ޙަވާލުވެވަޑައިގަތުމަށް އަޙުމަދު ނާޒިމަށް އަންގަވާފައިވާނޭ ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ.
އަޙުމަދު ނާޒިމްގެ ބޭސްފަރުވާއަށް ދެއްވި މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ.
ކުރީގެ އެޓޮލްސް މިނިސްޓްރީއަށް ބޭނުންވެގެން ހޯދި ބައެއް ތަކެތި ހޯދުމުގައި އެކެއް ޕޮއިންޓް ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ޙީލަތުން ހޯދާފައިވާ ކުށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުން ފަންސަވީސް އަހަރަށް ޖަލަށް ލުމަށް ސުޕްރީމްކޯޓުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުއެވެ.