ޚަބަރު

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި


  • މިއިންތިޚާބުގައި ޕާޓީގެ ރައީސް އިންތިޚާބު ކުރެވިގެންދާނެ

  • ވޯޓުލުމުގެ ޙައްޤު ލިބެނީ 5883 މެމްބަރުންނަށް

  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އިން ހަވީރު 16:00 އަށް

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ރަޖިސްޓްރީ ކުރި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން އެޕާޓީގެ މެންބަރުން ތިބި ހުރިހާ ރަށެއްގައި ކުރިއަށްދާނެއެވެ.

މިއިންތިޚާބުގައި އެޕާޓީގެ ރައީސާއި 3 ނައިބު ރައީސުން ހޮވުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސް، އަތޮޅު ރައީސް، މަޖިލިސް ދާއިރާތަކުގެ ރައީސް، އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިމޮކްރެޓްސްއިން މައުލޫމާތުދެއެވެ. މީގެ އިތުރުން ޔަންގް ޑިމޮކްރެޓްސް ނުވަތަ ޒުވާނުންގެ ރައީސް ހޮވުން އޮންނާނެ ކަމަށްވެސް އެޕާޓީން މަޢުލޫމާތުދެއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަމަށް ދެބޭފުޅުން ވާދަކުރައްވައެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.

ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ. އަދި މިއަދު ކުރިއަށްދާ އިންތިޚާބުގައި 35 މަޤާމަކަށް މެމްބަރުން އައްޔަންކުރެވޭނެއެވެ. އެޕާޓީން ބުނީ 721 ހުސް މަޤާމް އޮތް ކަމަށާއި، އޭގެތެރޭގައި ރަށު އެސެމްބްލީ އާއި އަތޮޅު އެސެމްބްލީތަކުގެ ބައެއް މަޤާމްތައް ހިމެނޭ ކަމަށެވެ.

މިއަދު ކުރިއަށްދާ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 5883 ފަރާތަކަށް ލިބޭކަމަށްވެސް އެޕާޓީން މަޢުލޫމާތުދެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޑިމޮކްރެޓްސްއިން ވަނީ މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީވެސް ޑިމޮކްރެޓްސްއަށެވެ.