ޚަބަރު

މީސްލްސް ވެކްސިންގެ ގައުމީ ކެމްޕެއިން އަލުން ފަށައިފި


  • ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ

  • ވެކްސިންގެ 2 ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދޭނެ

  • ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފު ކޮށްފައިވަނީ 1983 ވަނަ އަހަރު

ހިމަބިހި އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފިއެވެ.

މިކެމްޕެއިން އިފްތިތާޙްކޮށްދެއްވާފައިވަނީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކަމަށާއި ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށެވެ.

އަލަށް ފެށި ކެމްޕޭނުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށްވެސް މިކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ހަމަޖެހިފައިވެއެވެ.

އެޗްޕީއޭ ވިދާޅުވީ އެކެމްޕެއިނާއެކު، ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން ނުވަ މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފު ކޮށްފައިވަނީ 1983 ވަނަ އަހަރުއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ވެސް ނައްތާލެފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއިން ޕީސީއާރު ޕޮޒިޓިވް މީސްލްސްގެ ކޭސްތައްފެނުމާއި ގުޅިގެން، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ވެކްސިން ކެމްޕޭނެއް ފެށިއެވެ. ނަމަވެސް ކޯވިޑުގެ ބަލިމަޑުކަމާއެކު މިކެމްޕެއިން މެދުކަނޑާލައިފައިވާއިރު މިއަހަރު ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.