ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ކުރެއްވި ފުރަތަމަ ދަތުރު ފުޅު ކާމިޔާބު ކަމާއެކު ނިންމަވާލެއްވުމުން ޕީޕީއެމް/ޕީއެންސީން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ރަސްމީ ދަތުރު ފުޅެއްގައި ވަޑައިގެންފައިވަނީ ތުރުކީވިލާތަށާއި، އދ.ގެ ކޮޕް28ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށެވެ. މިދަތުރުފުޅުގައި އެމަނިކުފާނުވަނީ ތުރުކީ ވިލާތުގެ ވެރިންނާއި، ކޮޕް 28ގެ ބައިވެރިވި ތަފާތު އެކި ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި، އެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމާގުޅޭ ގޮތުންވަނީ މަޝްވަރާތައް ކުރައްވާފައެވެ. އަދި ތަފާތު އެކި ގައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރެއްވުމުގެ މަޝްވަރާތައް ވެސް އެމަނިކުފާނުވަނީ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހިން ބޭނުންވާ ތަރައްގީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމަށް ވެގެން ދިއުމަށް އަބަދުވެސް އުންމީދުކުރާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެކޯލިޝަންގެ ހުރިހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަގީންކަންވެސް ދެއްވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.