ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރެއްވި މިދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދަތުރުފުޅުގައި ވިޔަފާރީއާއި އިންވެސްޓްމަންޓާއި، އިޔާދަ ކުރުވަނިވި ހަކަތަ، އާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ތުރުކީ ސަރުކާރާ އެކު މަޝްވަރާކުރެއްވިކަމަށެވެ.
ތުރުކީވިލާތަށްކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ، ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގައުމުަތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ވަކާލާތު ކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުން ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށެވެ. މިދަތުރުފުޅުގައި، ތިމާވެށީގެ ގޮތުން ކުރިމަތިވާ މައްސަލަތަކާ ގުޅޭގޮތުން ދުނިޔޭގެ ލީޑަރުންނާއެކު މަޝްވަރާތައް ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބައްދަލުވުންތަކަކީ ވަރަށް ކާމިޔާބު ބައްދަލުވުންތަކެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށް ފަހިވެގެންދާނެ ކަމަށެވެ.
"ރާއްޖެއިން ކުރާ އުންމީދުތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލެވުނު، އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ "ގްލޯބަލް ސްޓޮކްޓޭކް" އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭކަން ފާހަގަކުރެއްވިން، އަދި އެބައްދަލުވުމުގައި ރާއްޖެއިން ވަކާލާތު ކުރިކަންކަމަށް އެދެވޭ ހައްލެއް ލިބޭނެކަމަށް އުންމީދުކުރަން. އަދި އެކަމާ ގުޅިގެން ލިބުނީވެސް އުފާވެރި ޚަބަރުތަކެއް" ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރުގެ ދެޤައުމަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓްގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ އާރިފް އާއި ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާޙިމް ހަލީލްވެސް ބައިވެރިވެޑައިގެންނެވިއެވެ.