ޞިއްޙަތާ ގުޅޭ ގޮތުން ކޮޕްގައި ބާއްވާ ފުރަތަމަ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ބައިވެރިވެ ވަޑައިގެންފިއެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާނެއެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރެވި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާތައް ކުރެވިގެންދާނެއެވެ.
އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރެވޭ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، މިކަމާގުޅޭ ގޮތުން ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުން އެއްބަސްވެ ވަޑައިގަންނަވާ "ޑެކްލަރޭޝަން އޮން ކްލައިމެޓް އެންޑް ހެލްތު" ގަރާރެއް މިބައްދަލުވުމުގައި ފާސްކުރުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މިބައްދަލުވުމުގެ ތެރެއިން "ކޮޕް28 ޔޫތު ކްލައިމެޓް ޗެމްޕިއަން" އަދި "ވެލްމަކް ޓްރަސްޓު" ގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ކުޑަކުރުމާ ގުޅޭ އިވެންޓުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވާހަކަފުޅު ދައްކަވާނެއެވެ.
އަދި، މިބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިބައްދަލުވުންތަކުގައި ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ސިއްޙަތު ރައްކާތެރިކުރުމާއި، ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޑިސެންބަރު މަހުގެ 12ގެ ނިޔަލަށް ކުރިއަށްދާ ކޮޕް28 ގައި 70،000 ފަރާތަކުން ބައިވެރިވެއެވެ. އޭގެތެރޭގައި ޤައުމުތަކުގެ އިސްވެރިންނާއި އެކި ސިނާޢަތްތަކުގެ ބައިނަލްއަޤްވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްޞީލުކުރާ ފަރާތްތަކާއި ތަޢުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.