ރާއްޖޭގެ އުރުތާއި ދެކުނުގައި މޯލްޑިވް ގޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މިހާރުގެ ސަރުކާރުގެ ތަސައްވުރެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ14" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގޭސް ފޯރުކޮށްދިނުމުގައި މިހާރު ދަތިތަކެއް އެބަހުރިކަމަށެވެ. ރާއްޖޭގެ އެންމެ ދެކުނުންވެސް އަދި އެންމެ އުތުރުންވެސް ގޭސް ހޯދުމަށް އަންނަންޖެހެނީ ހުސްފުޅިތައް ދޯންޏަކަށް ލައިގެން މާލެއަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއީ މިކަން އޮންނަންވާނެ ގޮތް ނޫންކަންވެސް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.
މިކަމަށް ހައްލެއް ގެނައުމަށް މި ސަރުކާރުގައި ވިސްނުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ތަސައްވުރަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި މޯލްޑިވް ގޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ.
"މޯލްޑިވް ގޭސްގެ ތަސައްވުރަކީ ހަމަ ކުރިއަށްއޮތްތަނުގައި ކޮންމެހެން ހއ. އިން ނުޖެހެއޭ ކެލާ މީހަކު ފުޅި ހުސްވީމަ މާލެއަށް ފުޅި ފޮނުވައިގެން އެ ރީފިލްކުރާކަށް. އައްޑު އަތޮޅުން ނުޖެހޭނެ އަންނާކަށް. އެ ސަރަހައްދަކުން އެ ހިދުމަތް ލިބެން ހުރުމަކީ ހިދުމަތުގެ އަގު ހެޔޮވެފައި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަންވެސް ލިބިގެންދާނެ. މިސާލަކަށް ތިލަދުންމަތިން ފުޅިއެއް ދޯންޏެއްގައި ގެނައީމަ އެ ގެނައުމުގެ ހަރަދު، އަނބުރާ ގެންދިއުމުގެ ހަރަދު އެހެންވެއްޖިއްޔާ ހަމަ އެއްކަލަ ގޭސް ފޯރުކޮށްދޭ އެޖެންޓަށް އެ ކޮސްޓް ބެއަރކުރަން އެބަޖެހޭ. އެހެންވީމަ ހިދުމަތައް އެ އެބަ އެއްވޭ. އެހެންވީމަ ހިދުމަތުގެ އަގު އެބަ މައްޗަށްދޭ." އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.
މޯލްޑިވް ގޭސްގެ އެމްޑީ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއިއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުންކަމަށެވެ. އެގޮތުން އުސް އިމާރާތްތަކަށް ގޭސް އުފުލުމަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށްވެސް މަސައްކަތްކުރައްވާނެކަމަށާއި މިއީ މުވައްޒަފުންނަށްވެސް ގޭސް އުފުލުމުގައި ވަރަށް ބޮޑު ތަކުލީފުތަކެއް ހުރި ކަމެއްގެ ގޮތުގައި އަބްދުﷲ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އުސް އިމާރާތްތަކަށް ގޭސް ގެންދިއުމަށް ޕައިޕްލައިން އެޅިފައި ހުރިކަން ފާހަގަކުރައްވައި އަބްދުﷲ ވިދާޅުވީ، އެކަން ރާއްޖޭގައިވެސް ޒަމާނާއި ގުޅޭ ރައްކާތެރި މާހައުލެއްގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.