އެހެން ޤައުމުތަކުގެ މީހުން އިނގިރޭސިވިލާތަށް ހިޖުރަ ކުރާ މިންވަރު މަދުކުރުމަށް ހިޖްރަކުރުމުގެ ހަރުކަށި އުޞޫލުތަކެއް އެ ޤައުމުން އެކަށައަޅައިފިއެވެ. އެ އުޞޫލުތަކުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އިނގިރޭސިވިލާތަށް ބަދަލުވާ މީހުންގެ ޢަދަދު އެތައް ސަތޭކައިން މަދުވާނެއެވެ.
އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޖޭމްސް ކްލެވަރލީ ވިދާޅުވީ ހިޖްރަ ކުރުމަށް ހުއްދަ ކޮށްފައިވާ ޢަދަދު ދަށްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. 2022 ވަނަ އަހަރު އެކަނިވެސް އެ ޤައުމަށް ގާތްގަނޑަކަށް 750،000 މީހުން ހިޖުރަކޮށްފައިވެއެވެ.
އައު ޤަވާއިދުގެ ދަށުން ވޯކް ވިސާ ހޯދުމަށް މިހާރު ކަނޑައަޅާފައިވާ އޮންނަ އާމްދަނީއަށްވުރެ އިތުރަށް އާމްދަނީ ހޯދަންޖެހެއެވެ. އެ ގޮތުން 2024 ވަނަ އަހަރުން ފެށިގެން ވޯކް ވިސާ ހޯދުމަށް 48،900 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދަން ޖެހޭނެއެވެ. މިހާރު ކަނޑައަޅާފައި އޮންނަ ގޮތުން ވޯކް ވިސާ ހޯދުމަށް 33،000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދަންޖެހެއެވެ. އިނގިރޭސިވިލާތުގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ އެހެން ޤައުމުތަކުގެ މީހުންވެސް ޢަމަލުކުރަން ޖެހެނީ އެ ޤަވާއިދަށެވެ. ނަމަވެސް ހިޖުރަ ކުރާ މީހުންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ އިނިގިރޭސިވިލާތުގެ ޞިއްޙީ ދާއިރާގައި އުޅޭ ހިޖްރަކޮށްފައިތިބި މުވައްޒަފުން މުސާރައިގެ އުޞޫލުން އިސްތިސްނާވެއެވެ. ޖެނުއަރީ މަހުން ފެށިގެން އިނިގިރޭސިވިލާތުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ވެސް އާއިލާގެ މެމްބަރުން އެ ޤައުމަށް ގެންދިއުން މަނާވާނެއެވެ.
ހިޖުރަކުރާ މީހުން މަދުކުރުމަކީ އިނގިރޭސިވިލާތުގެ ބޯޑާރ ކޮންޓްރޯލު އަނބުރާ ހޯދުމަށް، ވިލާތު އިއްތިޙާދުން ވަކިވުމަށް ބާރުއެޅުއްވި ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރުންނަށް ވަރަށް މުހިންމު މައްސަލައެކެވެ. ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރުން ދެކޭ ގޮތުގައި ހިޖްރަކުރާ މީހުން މަދުކުރުމުން އަންނަ އަހަރު ބާއްވާ އިންތިޙާބުގައި އެމީހުންނަށް އޮންނަ ތާއީދު ބޮޑުވާނެއެވެ. ސަބަބަކީ އިނގިރޭސިވިލާތުގެ ގިނަ އާންމުން ދެކޭ ގޮތުގައި ހިޖްރަ ކޮށްފައިވާ މީހުންގެ ޢަދަދު މިހާރުވެސް އިތުރުވެ، ޚިދުމަތްތައް ހޯދުމަށާއި ބޯހިޔާވަހިކަން ހޯދުމަށްވެސް އޮތީ ދަތިވެފައެވެ.
އިނގިރޭސިވިލާތުން ވަނީ 2020 ވަނަ އަހަރު ވިލާތު އިއްތިޙާދުން ވަކިވެފައެވެ. އެއާއެކު އިއްތިޙާދުގެ 27 މެމްބަރު ޤައުމުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ދިރިއުޅުމާއި މަސައްކަތް ކުރުމުގެ ޙައްޤު އޮތީ ނިމުމަކަށް އައިސްފައެވެ. އޭގެ ފަހުން މަސައްކަތަށް ނުވަތަ ކިޔެވުމަށް އިނގިރޭސިވިލާތަށް އައުމަށް ދޫކުރާ ވިސާގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައަށް ފިލައިގެން އުޅޭ ލައްކައެއްހާ މީހުންނާއި ހޮންކޮންގުގައި މަދަނީ މިނިވަންކަމާ ދެކޮޅަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާހެދި ފިލައިގެން އުޅޭ މީހުންވެސް ވަނީ އިނގިރޭސިވިލާތަށް ހިޖްރަކޮށްފައެވެ.