ޚަބަރު

ގާނޫނަށް ބަދަލުގެނެސް ގެދޮރަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓެއް" ހަދަނީ


  • ގާނޫނަށް ބަދަލުގެނެސް ގެދޮރު ބޭނުންވާ މީހުންގެ ލިސްޓެއް ހަދަނީ

  • މީގެ ސަބަބުން ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމަށް އެދޭކަށް ނުޖެހޭނެ

ބޯހިޔާވަހިކަމަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ބޯހިޔާވަހި ކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންގެ ވެއިޓިން ލިސްޓެއް ހައްދަވާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ކޮންމެ ފަހަރަކު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އިއުލާންކޮށް ޕޯޓަލެއް ހަދައިގެން ޕޮއިންޓު ދިނުމުގެ ބަދަލުގައި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާއި ބެހޭ ގާނޫނަށް ބަދަލުގެނެސް ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިތިބީ ކޮންބައެއްކަން ދެނެގަތުން މުހިންމުކަމަށެވެ.

" އަޅުގަނޑުމެން ބަލާނަން ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން. ކޮންމެ ފަހަރަކު ލިސްޓެއް ހަދައިގެން އެ ލިސްޓު ތެރެއިން ހޮވޭ ބަޔަކަށް ދިނުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް މުޅި ސިސްޓަމްތެރެއިން ކޮބާއިކަން އެންމެ ބޮޑަށް ބޯހިޔާވަހިކަން ހޯދާދޭންވީ ބަޔަކީ އައިޑެންޓިފައި ކޮށްގެން އެބަޔަކަށް ހޯދޭނެ ގޮތް ހެދުން. އޭރަކުން ނުޖެހޭނެ މަޝްރޫއުތައް ހަދާ ނިންމާފައި ޕޯޓަލްއެއް ހަދައިގެން ޕޯޓަލް ތެރެއިން މިއައް އެޕްލައި ކުރާކަށް" ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިލިސްޓު އެކުލަވާލުމަށްފަހު އެ ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި ލިސްޓް ބަދަލުކުރަމުން ގެންދަވާނެ ކަމަށެވެ. އަދި ބޯހިޔާވަހި ކަމަށް އިސްކަން ދިނުމުގައި ބަލާނީ "ވެއިޓިން ލިސްޓް" އަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިސްޓުގެ ސަބަބުން އެތައް ގޮތަކުން ފަސޭހަވެގެން ދާނެކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދާ ވަރަކުން އިތުރު ތަފުސީލުތައް ހިއްސާކުރަންވާނެ ކަމަށް ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި މި ފަދަ ހައްސާސް މައްސަލަތަކަކީ ވަރަށް ގާތުން އެންމެ އިންސާފުވެރިކަމާއެކު ކުރަން ޖެހޭނެ ކަންކަންކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފުލެޓް ލިބުނު 4000 މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން ފުލެޓް ލިބުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ބަލާ ހައްގުވެރި ފަރާތްތަކަށް ފްލެޓް ދެއްވާނެ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި ފުލެޓް ލިސްޓާ ގުޅުން ހުރި މަސައްކަތްތައް ދެން ކުރިއަތް ދާނީ އޭސީސީގެ ލަފަޔާއި މަޝްވަރާގެ މަތިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.