ތައިލެންޑުގެ ދެކުނު އައްސޭރިފަށު ސަރަޙައްދެއް ކަމަށްވާ ޕްރަޗުއާޕް ހިރީ ޚާންގައި ބަހެއް އެކްސިޑެންޓުވެ، 14 މީހުން މަރުވެއްޖެއެވެ. އެ ހާދިޘާގައި 32 މީހަކު ވަނީ ޒަޚަމުވެފައެވެ.
ބަސް އެކްސިޑެންޓުވެފައި ވަނީ މަގުމަތީގައި ހުރި ގަހެއްގައި ޖެހިގެނެވެ. ގަހުގައި ޖެހިފައި ބަސް އޮތީ ދެ ފަޅިވެސް ވެފައެވެ.
އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުން ދެނެގަނެފައި ނުވި ނަމަވެސް ބަސް ދުއްވަން އިން ޑްރައިވަރަށް އެކަށީގެންވާ ވަރަށް ނިދި ނުލިބިހުރުމުގެ ސަބަބުން އެކްސިޑެންޓް ހިނގީ ކަމަށް ތައިލެންޑުގެ ފުލުހުން ވަނީ ލަފާކޮށްފައެވެ. އެކްސިޑެންޓުގެ ސަބަބުން ޑްރައިވަރަށް ވަނީ އަނިޔާ ވެފައެވެ. އަދި ބަސް ދުއްވި ވަގުތު ޑްރައިވަރު ހުރީ މަސްތުގެ ހާލަތުގައިތޯ ބަލަން ފުލުހުން އަންނަނީ ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހާދިސާގައި މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ. މަރުވެފައިވާ މީހުންނާއި ޒަޚަމްވި މީހުން ބަހުން ނެރުމުގެ މަސައްކަތް ފުލުހުން ވަނީ އެތައް ގަޑިއިރެއް ވަންދެން ކޮށްފައެވެ.
ތައިލެންޑަކީ މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ އެއް ޤައުމެވެ. އެކްސިޑެންޓުތަކުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ސަތޭކަ މީހުން އެ ޤައުމުން މަރުވެއެވެ. އެގޮތުން 2022 ވަނަ އަހަރު އެކަނިވެސް އެކްސިޑެންޓްވެގެން ތައިލެންޑްގައި 15،000 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.
2021 ވަނަ އަހަރު ޓްރެފިކާއި ގުޅުން ހުރި ޙާދިސާތަކުގައި މަރުވި މީހުންގެ ޢަދަދަކީ އެ ގައުމުގައި އެ އަހަރު މަރުވި ޖުމްލަ މީހުންގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފައެވެ.
އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ މަގުތަކުގައި ޤާއިމުކޮށްފައިވާ ސަލާމަތީ މިންގަނޑުތައް ދަށްވުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ފާއިތުވި ތިން އަހަރު ތެރޭގައި އެކްސިޑެންޓުވެގެން މަރުވި މީހުންގެ ޢަދަދު ދަށަށްގޮސްފައި އޮތް ނަމަވެސް މަގުމަތީގެ ސަލާމަތްކަން އެންމެ ކުޑަ 10 ޤައުމުގެ ތެރޭގައި ތައިލެންޑު އަދިވެސް ހިމެނެއެވެ.
ތައިލެންޑުގައި އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ %70 އިންސައްތައަށްވުރެ ގިނަ މީހުންނަކީ އާންމުކޮށް މޮޓޯސައިކަލް ދުއްވާ މީހުންނެވެ. އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގަނީ ރަށްފުށު ހިސާބުގައެވެ. އަވަށްޓެރި ވިއެތުނާމާއި އިންޑޮނޭޝިޔާއާ ޚިލާފަށް ތައިލެންޑުގައި ހެލްމެޓް އެޅުމަކީ ޢާއްމުކޮށް ކުރާ ކަމެއް ނޫނެވެ.