އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލާތަކުގައި ޔަހޫދީންގެ އަސްކަރިއްޔާއިން ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައި ހުރި އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައިވާ ކަން ހާމަވެއްޖެއެވެ. އެ ކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ ނިއު ޔޯކް ޓައިމްސުންނެވެ. އެ ނޫހުން ބުނީ، ޙަމާސުން ދިން ރޮކެޓް ޙަމަލާތަކުގައި، ޔަހޫދީން ނިއުކްލިޔަރ ހަތިޔާރު ބަހައްޓާފައިވާ އަސްކަރީ މަރުކަޒަކަށް ގެއްލުން ލިބިފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ މާހިރުން ޤަބޫލު ކުރާ ކަމުގައެވެ.
ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައި ވަނީ ޙަމާސުން ފޮނުވައިލި ބައެއް ރޮކެޓް ޙަމަލާތައް ޔަހޫދީންގެ ސްދޯތް މިޚާގެ ނަންދީފައިވާ އަސްކަރީ މަރުކަަޒަށް އަރާފައިވާ ކަމުގައެވެ. އެ ތަނުގައި ރައްކާކޮށްފައި ހުރި ނިއުކްލިޔަރ މިސައިލްތަކަށް ރޮކެޓް ޙަމަލާތައް އަރާފައި ނުވާ ކަމަށާއި، އެއްވެސް ނިއުކްލިޔަރ ހަތިޔާރަކަށް ގެއްލުން ލިބިފައި ނުވާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރެއެވެ. ނަމަވެސް، ރޮކެޓް ޙަމަލައާ ގުޅިގެން އެ ތަނުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ނިއުކްލިޔަރ ހަތިޔާރު ހުރި ކަމަށް ޒަޔަނިސްޓުން އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުން ނިއުކްލިޔަރ ހަތިޔާރު ހޯދާފައިވާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ނިއު ޔޯކް ޓައިމްސުން ބުނީ، ސްދޯތް މީޚާ އަސްކަރީ މަރުކަޒުގައި 25 އާއި 50 އާ ދެމެދު ޢަދަދަކަށް ޖެރީކޯ މަރުކާގެ މިސައިލް ހުރި ކަމަށް ބެލެވޭ ކަމުގައެވެ. އެއީ، ނިއުކްލިޔަރ ބޮން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ.
ޔަހޫދީންގެ ޖެރީކާ 3 މަރުކާގެ މިސައިލަކީ މެދު ރާސްތާ މިސައިލެއް ކަމުގައި ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (ސީ.އެސް.އައި.އެސް)އިން ބުނެއެވެ. 6,500 ކިލޯމީޓަރު ދުރަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއިން ކޮންމެ މިސައިލެއްގައި 750 ކިލޯގެ ނިއުކްލިޔަރ ބޮމެއް ހަރުކޮށްފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ޤަބޫލު ކުރެއެވެ.
ޔަހޫދީންގެ ނިއުކްލިޔަރ މިސައިލްތައް ރައްކާކޮށްފައިވާ ސްދޯތް މިޚާ އަސްކަރީ މަރުކަޒަށް ޙަމާސް ޖަމާޢަތުން ދީފައިވާ ޙަމަލާތަކަކީ، އެ ފަދަ މަރުކަޒަކަށް ދީފައިވާ މި ފަދަ ފުރަތަމަ ހަމަލައެވެ. ނަމަވެސް، ޙަމާސްގެ މުޖާހިދުން އެ ތަނަށް ޙަމަލާ ދީފައި ވަނީ އެ ތަނުގައި ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައިވާ ކަން ދެނެހުރެ ކަން ނުވަތަ ނޫން ކަން ސާފު ނުވާ ކަމުގައި ވެސް ނިއު ޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ޙަމާސުން ސްދޯތް މިޚާއަށް ދީފައި ވަނީ ވަރަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ކަމެވެ. އަދި، ޔަހޫދީން އެންމެ ސިއްރުކޮށްގެން ގެންގުޅޭ ހަތިޔާރުތަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ހޯދާފައިވާ ކަމެވެ.