ކައިރި މުސްތަޤަބްލެއްގައި އުތުރު ކޮރެއާއިން އިތުރު ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވާނެ ކަމަށް އެ ޤައުމުގެ ދަޢުލަތުގެ ނޫސް އެޖެންސީ (ކޭސީއެންއޭ)ން ބުނެފިއެވެ.
ސެޓެލައިޓް ފޮނުވާލާނީ ދުޝަމަނުންގެ އަސްކަރީ ޙަރަކާތްތަކާބެހޭ މަޢުލޫމާތު އެއްކުރުމަށް ކަމަށްވެސް ކޭސީއެންއޭ އިން ބުނެއެވެ.
މި ސެޓެލައިޓް ބޭނުން ކުރާނީ ނޮވެމްބަރު މަހު އުތުރު ކޮރެއާއިން ފޮނުވާލި މަލިގްޔޮންގް-1 ސެޓެލައިޓް އަށް ފަހުއެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން ޖައްވަށް ފޮނުވާލާފައިވާ ސެޓްލައިޓް ފޮނުވާލާފައި ވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެ ސެޓެލައިޓް މިހާރު ބޭނުންކުރަން ފަށާފާއިވާ ކަމަށްވެސް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.
އެ ސެޓެލައިޓް މެދުވެރިކޮށް އެމެރިކާގެ ވައިޓް ހައުސްއާއި ޕެންޓެގަންގެ އިތުރުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ދެކުނު ކޮރެޔާގެ އަމާޒުތަކުގެ ފޮޓޯ ނަގާފައިވާ ކަމުގައި ކޭސީއެންއޭން ބުނެއެވެ. ނަމަވެސް، މި ފޮޓޯތައް ޢާންމުކޮށްފައެއް ނުވެއެވެ.
އިތުރު ސެޓެލައިޓެއް ފޮނުވާލާނެ ކަމަށް އުތުރު ކޮރެއާއިން ޢިޢުލާނު ކުރުމާއެކު، އެކަމާބެހޭ މަޝްވަރާތައް ކުރުމަށް އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާނުގެ ޤައުމީ ސަލާމަތާ ބެހޭ ލަފާދޭ ފަރާތްތަކުގެ ބައްދަލުވުމެއް ޑިސެމްބަރު 9 ވަނަ ދުވަހު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގައި ދެކުނު ކޮރެއާއިން ޔުކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އުތުރު ކޮރެއާއިން އަންނަނީ ތުޙުމަތު ކުރަމުންނެވެ.
އެގޮތުން ވޮޝިންޓަން ޕޯސްޓުން ނެރުނު ލިޔުމަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާއިން ވަނީ ނުސީދާ ގޮތެއްގައި 155 އެމްއެމްގެ ޝެލް ޔުކްރެއިނަށް ފޯރުކޮށްދީފައެވެ.
އަނެއްކޮޅުން އުތުރު ކޮރެއާއާ ރަޝިޔާއާ އޮންނަ ގުޅުމާ ގުޅިގެން ދެކުނު ކޮރެއާ، ޖަޕާން އަދި އެމެރިކާގެ ފާޑުކިޔުންތައް އުތުރު ކޮރެއާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އެ ޤައުމުތަކުން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން އަންނަނީ އަސްކަރީ ޤާބިލުކަން ކުރިއެރުވުމަށް އެހީތެރިވުމުގެ ބަދަލުގައި ރަޝިއާއަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ ޔޫކްރޭންގައި ކުރާ ހަނގުރާމައަށް އުތުރު ކޮރެއާއިން ސިއްރިއަޔާތުގައި ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތު އެމެރިކާއަށް ލިބިފައިވާ ކަމަށެވެ.