އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކޮންގްރެސްގެ ރުހުމާ ނުލައި ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔަހޫދީންނަށް ގިނަ ޢަދަދެއްގެ ހަތިޔާރު ފޮނުވާފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ އިދާރާ ޕެންޓެގަނުން ހާމަކޮށްފިއެވެ. އެ އިދާރާއިން ބުނީ، ޔަހޫދީންގެ އަސްކަރީ ޓޭންކަރުތަކަށް ބޭނުންވާ 14,000 ބޮން ފޮނުވާފައި ވަނީ، އެ ޤައުމުގެ ހަތިޔާރު ވިއްކުން ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ކުއްލި ހާލަތްތަކުގައި އަމަލު ކުރުމަށް ބައިޑަންއަށް ލިބިވަޑައިގަންނަވާފައިވާ އިޚުތިޔާރުގެ ދަށުން ކަމުގައެވެ.
އެމެރިކާގެ އާމްސް އެކްސްޕޯޓް ކޮންޓްރޯލް ޤާނޫނުގެ ދަށުން ޔަހޫދީންނަށް ފޯރުކޮށްދީފައިވާ ބޮންތަކުގެ އަގު 106.5 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ ކަމުގައި ޕެންޓެގަނުން ބުނެއެވެ. މި ތަކެތި ޔަހޫދީންނަށް ފޮނުވާފައިވާ ކަން ޕެންޓެގަނުން އިޢުލާނު ކޮށްފައިވާއިރު، ބައިޑަން ވަނީ އިތުރު 500 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކޮންގްރެސްގެ ރުހުން ހޯދަން ހުށަހަޅުއްވާފައެވެ.
އެ ކަމަށް ކޮންގްރެސްގެ ރުހުން ލިބުމުން ބައިޑަންގެ ސަރުކާރުން ޓޭންކަރުތަކަށް ބޭނުންވާ އިތުރު 45,000 ބޮން ޔަހޫދީންނަށް ފޮނުވާނެއެވެ. އެއީ، ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ މެރްކަވާ މަރުކާގެ އަސްކަރީ ޓޭންކުފަހަރުގައި ބޭނުން ކުރާ ބޮމެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޔަހޫދީ ފައުޖުން ދަނީ އެ މަރުކާގެ އެތަކެއް ސަތޭކަ ޓޭންކު ބޭނުން ކުރަމުންނެވެ. އެ ޓޭންކަރުތައް ބޭނުންކޮށްގެން ހިންގަމުންދާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 17,700 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ޢާންމުންނެވެ. މައުސޫމު ކުޑަކުދިންނާއި އަންހެނުންނެވެ. އަދި، އުމުރުން ދުވަސްވީ މީހުންނެވެ.
ޔަހޫދީންނަށް ފޯރުކޮށްދެމުންދާ ހަތިޔާރުތަކާ ގުޅޭ ގޮތުން އެމެރިކާއިން ބުނީ އެއީ ވަކި ބޭނުމަކަށް ފޯރުކޮށްދީފައިވާ ހަތިޔާރުތަކެއް ނޫން ކަމަށާއި، އެ ތަކެތި ބޭނުން ކުރުމާ ގުޅޭ ގޮތުން ޔަހޫދީންނަށް އެއްވެސް ޝަރުޠެއް ހުށަހަޅާފައި ނުވާނެ ކަމުގައެވެ. މާނައަކީ، އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރު ބޭނުން ކުރަމުންދަނީ ކޮން ކަމަކަށް ކަން އެމެރިކާއިން ސާފު ކުރަން ބޭނުން ނުވާ ކަމެވެ. އަދި، ފަލަސްޠީނުގެ ޢާންމުންނާ ދެކޮަޅަށް އެ ހަތިޔާރުތައް ބޭނުން ކުރުން މަނާ ކުރަން ޝަރުޠު ކުރަން އެމެރިކާއިން ބޭނުން ނުވާ ކަމެވެ. އަދި، އެ ކަން ހުއްޓުވަން ބައިޑަން ބޭނުންފުޅު ނުވާ ކަމެވެ.
މި ކަމުން ވެސް ދޭހަވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ އެމެރިކާގެ ރުހުމާ އެކުގައި ކަމެވެ. އަދި، އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި ކަމެވެ. ޔަހޫދީންގެ އުދުވާންތައް ހުއްޓުވަން ގޮވައިލާ އދގެ ސަލާމަތީ މަޖިލީހަށް ދާދި ފަހުން ހުށަހަޅާފައިވާ ޤަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުން ކޮށްގެން ބޭރުކޮށްލާފައެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ ހުރިހާ މަސައްކަތަކަށް ބައިޑަން ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ.