ޔަހޫދީންގެ ރަށްތަކަށް ރަތް ކަނޑުން ދަތުކުރާ ހުރިހާ ބޯޓަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމުގެ އިންޒާރު ޔަމަނުގައި ޙަރަކާތެރިވާ ޙޫޘީ ޖަމާޢަތުން ދީފިއެވެ. އެއީ ކޮންމެ ޤައުމެއްގެ ބޯޓެއް ކަމުގައި ވީނަމަވެސް ޙަމަލާދޭނެ ކަމަށާއި ޔަހުދީން ބަނދަރުތަކާ މުޢާމަލާތް ނުކުރުމަށް ބައިނަލްއަޤުވާމީ ހުރިހާ ބޯޓުދަތުރުކުރާ ކުންފުނިތަކަށް އިންޒާރުދީފައިވާ ކަމަށްވެސް ޙޫޘީން ބުނެއެވެ.
ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކަށް ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އީރާނާ ގުޅިފައިވާ ޙޫޘީ ޖަމާޢަތުން ވަނީ ސަރަޙައްދީ ހަމަނުޖެހުމެއްގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ބުނެފައެވެ. ފާއިތުވި ހަފްތާތަކުގައި ޙޫޘީން ވަނީ ރަތް ކަނޑާއި ބާބް އަލް މަންދަބް ކަނޑުއޮޅީގައި ޔަހޫދީންނާ ގުޅިފައިވާ ބައެއް ބޯޓުތަކަށް ޙަމަލާ އަމާޒުކޮށް ބައެއް ބޯޓުފަހަރު އަތުލައިގަނެފައެވެ. ބާބް އަލް މަންދަބަކީ ތެޔޮ ހިފައިގެން ދުނިޔޭގެ ބޮޑެތި ބޯޓުތައް ދަތުރުކުރާ ކަނޑުއޮޅިއެކެވެ.
ޙޫޘީން އެންމެ ފަހުން ޙަމާލާ ދީފައި ވަނީ ރަތް ކަނޑުން ދަތުރުކުރި ވިޔަފާރި އުޅަނދުތަކަކަށެވެ. މިދިޔަ ހަފުތާގައި ހޫޘީން ވަނީ ޔަމަނުގެ އައްސޭރިފަށުގައި އޮތް ދެ ބޯޓަކަށް ޙަމަލާ ދީފައެވެ. އޭގެ ތެރޭގައި ބަހާމާސްގެ ދިދަ ޖަހާފައިވާ ބޯޓެއްވެސް ހިމެނެއެވެ. ޙޫޘީން އެ ބޯޓަށް ޙަމަލާދިނީ ޔަހޫދީންގެ ބޯޓެއް ކަމަށް ބުނެއެވެ.
ޔަހޫދީންނާ ގުޅުން އޮންނަ ކަމަށް ތުޙުމަތުކޮށް ރަތް ކަނޑުން ދަތުކުރު ކުރި އާގު ބޯޓެއް ކަމަށްވާ ގެލްކްސީ ލީޑަރ ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް މިދިޔަ މަހު ގެންގޮސްފައެވެ. އަދި ޔަހޫދީންނާ ގުޅުން ހުރި ހުރިހާ ބޯޓަކަށް ޙަމަލާތައް ދޭނެ ކަމަށާއި އެ ބޯޓުތަކުގައި ފަޅުވެރިންގެ ގޮތުގައިވެސް މަސައްކަތް ނުކުރުމަށް ޙޫޘީން ވަނީ ގޮވައިލައިފައެވެ.