ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި ހުޅުއްވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އެކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީމަހު 14 ވަނަ ދުވަހު ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަކްރަމް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން ސިޔާސީ ހުރިހާ ޕާޓީތަކާ ބައްދަލުކުރައްވައި އިންތިޚާބް ކުރިޔަށް ގެންދެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ޢަދާލަތާއި ޑީއާރްޕީ ފިޔަވައި ހުރިހާ ޕާޓީއަކުން ބައިވެރި މި ބައްދަލުވުމުގައި އިންތިޚާބްތަކުގައި ދިމާވާ މައްސަލަތަކާއި ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި އީ-ވޯޓީންއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ. އަދި އިންތިޚާބަށް ލަފާދޭ ކޮމެޓީ ސިޔާސީ ޕާޓީތަކުގެ ބައިވެރިވުންތަކާއެކު އެކުލަވާލެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް އީވޯޓިން ތަޢާރަފްކުރެއްވުމަށް މަސައްކަތްވެސް ކުރައްވަމުންނެވެ.
ލާމަރުލަޒީ ޤާނޫނަށް ދާދީ ފަހުން ގެނައި އިޞްލާޙުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް މެމްބަރުން އިންތިޚާބްކުރަންޖެހޭ ޢަދަދަށް ބޮޑެތި ބަދަލްތަކެއް ގެނެސްފައިވެއެވެ. މިގޮތުން 3000 މީހުންނަށްވުރެ އަބާދީކުޑަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ދެން އިންތިޚާބްކުރާނީ 3 މެމްބަރުންނެވެ. ތިންހާހަށްވުރެ އަބާދީ މަތިވެއްޖެނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ.
އަތޮޅު ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމަށް ގެންނެވި ބަދަލުން، އިންތިޚާބީ 2 ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާތައް ހިމެނޭ އަތޮޅުތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރައްވާނީ ކޮންމެ ދާއިރާއަކުން އެއް މެމްބަރެކެވެ. އިދާރީ 2 ދާއިރާ ހަމަވާ ދާއިރާތަކުން މުޅި އަތޮޅު ހިމެނޭގޮތަށް އެއަތޮޅު ކައުންސިލަށް އިންތިޚާބްކުރައްވާނީ 3 މެމްބަރުންނެވެ.