ޚަބަރު

އިސް ރަށްވެހިންނަށް ޚާއްސަ އިޖްތިމާއީ ސެންޓަރު ރާއްޖޭގެ 3 ސަރަހައްދެއްގައި


  • މަރުކަޒުތައް ޤާއިމްކުރަނީ މާލެ ސަރަހައްދު، އައްޑޫ އަދި ތ.އަތޮޅުގައި

  • ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގާނެ

އިސްރަަށްވެހިންނަށް ޚާއްސަކޮށްގެން ރާއްޖޭގެ 3 ސަރަހައްދެއްގައި އިޖްތިމާއީ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްރަށްވެހީންގެ މަރުކަޒުތަކަކީ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އެމީހުންނަށް ބޭނުންވާ ސިއްހީ ޚިދުމަތްތަކާއި އަދި އެނޫންވެސް ބޭނުންތައް ފުއްދާ ދިނުމަށް ގާއިމު ކުރާ މަރުކަޒުތަކެކެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވަޒީރުގެ ނައިބު އާމިނަތު ނަމްޒާ ވިދާޅުވީ އިސްރަށްވެހިންނަކީ މުޖްތަމައުގައި ވަރަށް އިސްދައުރެއް އަދާ ކުރާ ބައެއްކަމަށެވެ. އެގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ހަދާ މަރުކަޒުތައް ގާއިމް ކުރުމުން އިސް ރަށްވެހިންނަށް ދޭންޖެހޭ ޙައްގު ގަދަރާއި އިޙްތިރާމު ހޯދައިދިނުމަށް މަގުފަހިވުމާއި، އެކަންކަމަށް ބާރުއެޅުމަށް މަގުފަހިވާނެކަމަށް ނަމްޒާ ވިދާޅުވިއެވެ. އަދި އިސް ރަށްވެހިންނަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުން އެބޭފުޅުންގެ ހިއްސާ މުޖުތަމައަށް މިހާރަށްވުރެ ބޮޑަކަށް އިތުރުވެގެން ދާނޭ ކަމަށް ނަމްޒާ ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ އިސްރަށްވެހިންގެ މަރުކަޒްތައް ރާއްޖޭގެ 3 ސަރަހައްދެއްގައި ގާއިމް ކުރެވިގެން ދާނެކަމަށެވެ. އެއީ މާލެ ސަރަހައްދާއި، އައްޑޫ ސިޓީއާއި، ތ. އަތޮޅުގައެވެ. ނަމްޒާ ވިދާޅުވީ މިސެންޓަރުތައް ވެގެން ދާނީ ހަމަ އެކަނި މަޑުކޮށްލައިގެން ވާހަކަ ދައްކާލާ ތަނަކަށް ނޫންކަމަށެވެ. އުންމީދަކީ މިތަނުން އިސް ރަށްވެހިންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ތަނަކަށް ހެދުންކަމަށެވެ. އެގޮތުން ދުޅަހެޔޮ ދޮށީ ޢުމުރަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގޭނޭ ކަމަށް ނަމްޒާ ވިދާޅުވިއެވެ.

" މެޑިކަލް ޗެކަޕްހެދުން މި ފަދަ ކަންކަން މިކަމުގެ ތެރެއަށް ވައްދާ މި ކޮލެބްރޭޓް މަސައްކަތެއްގެ ގޮތުގައި ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަދި މިހާރު މި މަސައްކަތް ކުރެވެމުން ދާއިރު މި ތަންތަން ޚިޔާރު ކުރުމުގައި އަޅުގަނޑުމެންނަށް ބެލިފައި މި ވަނީ އެކި ސަރަހައްދުތަކަށް ފޯކަސްކުރުން. ކޮންމެ ހިސާބެއްގައިވެސް ތަނެއް ހުރުން ނިމިގެން ދާއިރު އަޅުގަނޑުމެންގެ އުންމީދަކީ. މިއީ އަދި ފެށުމެއް. މިއީ މި 14 ހަފްތާ ތެރޭ އަޅުގަނޑުމެންގެ އަމާޒު ހުރި 3 ސަރަހައްދު" ނަމްޒާ ވިދާޅުވިއެވެ.

އިޖްތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ސީނިއަރ ލީގަލް ކައުންސިލަރ އާއިޝަތު އިފާދާ ވިދާޅުވީ ކަނޑައެޅިފައިވާ 3 ސަރަހައްދުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ މާލެ ސަރަހައްދުގައި ހަދާ ސެންޓަރ ހުޅުވުމަށް ކަމަށެވެ. އެގޮތުން މި ސެންޓަރުވެގެން ދާނީ އިސް ރަށްވެހިންގެ މައި ސެންޓަރައް ކަމަށާއި މިއީ މިމަސައްކަތުގެ ފެށުން ކަމަށް އިފާދާ ވިދާޅުވިއެވެ. އިފާދާ ވިދާޅުވީ އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން ހަދާ މިސެންޓަރުތަކުން ލިބޭނެ ޚިދުމަތްތަކާއި މައުލޫމާތު ވަރަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އިސް ރަށްވެހިންނަށް ޚާއްސަކޮށްގެން މަރުކަޒުތަކެއް ގާއިމް ކުރުމަކީ ކުރީ ސަރުކާރުންވެސް ކުރަން ނިންމަވާފައިވާ މަސައްކަތެކެވެ.

އިސް ރަށްވެހިންނަށް މަރުކަޒުތަކެއް ގާއިމް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގައިވެސް ހިމަނުއްވާފައިވާ މުހިންމު މަސައްކަތްޕުޅެކެވެ. އެމަނިކުފާނު ވަނީ ގައުމުގެ އިސް ރަށްވެހިން، މުޖުތަމަޢުގައި ހަވާސާ ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.