ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި މާލީ ބަޔާނުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތެނީ ތިން ކެނޑިޑޭޓެއްގެ މާލީ ބަޔާންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނަށް ހުށަހެޅުއްވި މާލީ ބަޔާންތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ފެތެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މާލީ ބަޔާންކަމަށެވެ.
މި ތިން ކެނޑިޑޭޓުން ފިޔަވައި އިންތިޚާބުގައި ވާދަކުރެއްވި އަނެއް ފަސް ކެނޑިޑޭޓުންގެ މާލީ ބަޔާން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނުގައި ވާގޮތުގެ މަތިން އެ ކެންޑިޑޭޓުންނާއި، ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބު އޭޖެންޓާމެދު ފިޔަވަޅު އެޅުމަށް އެކޮމިޝަނުން ނިންމަވާފައިވާކަަމށް ޙަބީބު ވިދާޅުވުއެވެ.
އެގޮތުން އެފަސް ކެންޑިޑޭޓުން ވެސް ޖޫރިމަނާ ކުރާނީ 20000 ރުފިޔާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އެ ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުން 6000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ. އެ ފަރާތްތަކުން ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށްވެސް އިލެކްޗަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކުރައްވާފައިވާ ޚަރަދުގެ ތަފުސީލާއި އިންތިޚާބަށް ޚަރަދު ކުރެއްވުމަށް ފައިސާ ހޯއްދެވި ގޮތުގެ ތަފުސީލު މާލީ ބަޔާނުގައި ހިމަނަންޖެހެއެވެ. އަދި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި ބޭންކު އެކައުންޓުން ކުރައްވާފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެހެން ބޭންކު ސްޓޭޓްމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީވެސް ހުށައަޅުއްވަން ޖެހެއެވެ.
އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް 2018 އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކިކަމެއް ކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި، 24،000ރުފިޔާއާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޤާނޫނުގައި ބުނެފައިވެއެވެ.