ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދަނީ ހިތަށްވެސް ނާރާފަދަ އަނިޔާވެރިކަމެއް ކަމަށާއި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައިލުމަށް އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން ގޮވައިލައްވައިފިއެވެ. އެ މަންދޫބުން އެ ގޮތަށް ގޮވައިލައިފައި ވަނީ ޔަހޫދީ ފައުޖުތަކުން ފުރަބަންދުކޮށްފައިވާ ޣައްޒާއަށް ހަމައެކަނި ވަދެވެން އޮންނަ ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙް ހުރަސް ކައިރިއަށް ކުރި ޒިޔާރަތަކަށްފަހުއެވެ.
ޣައްޒާގެ ޢާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެނީ ރަފަޙް ހުރަސް މެދުވެރިކޮށެވެ. ޢައްޒާގެ 2.3 މިލިއަން ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރި ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަށް އދގެ މެމްބަރު ގިނަ ޤައުމުތަކުން ތާޢީދުކުރެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ސަލާމަތީ މަޖިލީހުން މިދިޔަ ހަފުތާ ހުށަހެޅި ޤަރާރަށް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ. އެމެރިކާއަކީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޔަހޫދީ ދަޢުލަތަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުންވެސް ވާގިވެރިވަމުން އަންނަ ޤައުމެކެވެ.
ޢަރަބި އެކުވެރި އިމާރާތް، ޔޫއޭއީއިން އިންތިޒާމުކޮށްގެން ރަފަޙް ހުރަސް ކައިރިއަށް ކުރި ޒިޔާރަތުގައި ސަލާމަތީ މަޖިލީހުގެ ދިހަވަރަކަށް މަންދޫބުން ބައިވެރިވެވަޑައިގަތެވެ. އެ މަންދޫބުން ރަފަޙް ހުރަސް ކައިރިއަށް ޒިޔާރަތްކޮށްފައިވަނީ ހަނގުރާމަ ހިނގަމުންދާ ޣައްޒާގައި އެތައް ހާސް ބަޔަކު ތިބީ ބަނޑުހައިހޫނުކަންމަތީގައި ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންތޮނިއޯ ގުތަރެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިސްރުގެ އަލް ޢާރިޝް ސިޓީއަށް މަންދޫބުން ޒިޔާރަތް ކުރެއްވުމުން، ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އދގެ އިދާރާއިން ވަނީ ޣައްޒާގެ ޙަލާތާގުޅޭ ގޮތުން މަންދޫބުންނަށް މަޢުލޫމާތު ދީފައެވެ. އަލް ޢަރީޝް ސިޓީގެ 48 ކިލޯމީޓަރު ދުރުގައި އޮންނަ ރަފަޙް ހުރަސް ކައިރިއަށް މަންދޫބުން ޒިޔާރަތްކުރީ އެއަށްފަހުގައެވެ.
ރެފިއުޖީންނާބެހޭ އިދާރާގެ މައުލޫމާތު ސެޝަނަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކުއެޑޯގެ ސަފީރު ހޯސޭ ޑި ލާ ގާސްކާ ވިދާޅުވީ ބަސްތަކަކުން ބަޔާން ކޮށްދެވޭ ވަރަށްވުރެ ޣައްޒާގެ ޙާލަތު ގޯސް ކަމަށެވެ. އެމެރިކާ އަދި ފަރަންސޭސިވިލާތުގެ މަންދޫބުން މި ޒިޔާރަތުގައި ބައިވެރިވެވަޑައިނުގަންނަވައެވެ. ފަރަންސޭވިލާތަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވިލާތުގެ އިއްތިޙާދަށް ބާރުއަޅާ ޤައުމެކެވެ. އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ސަފީރު ލާނާ ނުޞެއިބާ ވިދާޅުވީ ކާބޯތަކެތި ނުލިބުމުގެ ސަބަބުން ޣައްޒާގެ ޢާންމުން މަރުވަމުންދާ ކަމަށާއި ޙަމަލާތަކުގެ އިތުރުން ޣައްޒާގެ ފުނޑުފުނޑުވެފައިވާ ސިއްޙީ ނިޒާމާއި ފެނާއި ކާނާ ނުލިބުމަކީ އިތުރު ގޮންޖެހުމެއް ކަމަށެވެ.